އަންނަ ނޮވެމްބަރު 11ގެ ކުރިން ރިޔާސީ އާ ދައުރަކަށް ރައީސަކު ހުވާ ކުރެއްވުމަށްޓަކާ، އިންތިހާބީ ރައީސަކު ހޮއްވެވުމަށް ތިން ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ވެސް އެއް ކެންޑިޑޭޓަކު "ގައުމާއި ދީނަށްޓަކައި" ރިޔާސީ ރޭހުން "ބޭރު ވެވަޑައިގަތުމަށް" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

މާލެ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިނަށް އަމަލުކުރާ ނަމަ ނޮވެންބަރު 11ގެ ކުރިން ރިޔާސީ އިންތިހާބުގެ ދެ ބުރު ބޭއްވުމަކީ ނުވާނެ ކަމެއް ކަމަށެވެ. ނަމަވެސް އެ ތާރީހުގައި އިންތިހާބުކޮށްފައިވާ ރައީސަކު ހޮއްވެވޭނެ ގޮތްތަކެއް ނަޝީދު ވިދާޅުވި އެވެ.

"ނޮވެމްބަރު 11ގައި އިންތިހާބު ވެފައިވާ ރައީސަކު ބެހެއްޓޭނެ ގޮތެއް އަޅުނގަޑު ރައްޔިތުންނަށް ހުށަހަޅަން. އެއްގޮތަކީ ކޮންމެވެސް އެއް ބޭފުޅަކު 'ގައުމާ ދީނަށްޓަކައި' އެ ރޭހުން ބޭރުވެވަޑައިގަތުން. ދެވަނަ ގޮތަކީ ސުޕްރީމް ކޯޓުން ފުރަތަމަ ބުރު ނުބާއްވަން ނިންމެވި ނިންމެވުން މުރާޖާކުރައްވާ ނޮވެމްބަރު 9ގައި އިންތިހާބުގެ ދެވަނަ ބުރު ބޭއްވުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ވެސް އެއް ކެންޑިޑޭޓަކު ފަހަތަށް ޖެހިވަޑައިގަންނަވަން ޖެހޭ ސަބަބު ރައްޔިތުންގެ ނިންމާފައިވާ ނިންމުމުން ފެންނަން އެބަ އޮތް ކަމަށެވެ. އަދި ފަހަތަށް ޖެހިވަޑައިގަންނަވާ ކެންޑިޑޭޓަކީ ގައުމަށް އެންމެ އިހުލާސްތެރި ބޭފުޅާ ކަމަށް ފާހަގަ ކުރައްވައި ނަޝީދު ވިދަޅުވީ ތިން ކެނޑިޑޭޓުންގެ ތެރެއިން އެންމެ އިހުލާސްތެރީ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމު ކަމަށެވެ. އަދި އެމަނިކުފާނު ސުޕްރީމް ކޯޓުގައި ބާތިލުކުރި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އަލުން މުރާޖާ ކުރެއްވުމަށް ހުށަހެޅުއްވުމަށް ވެސް ރައީސް ނަޝީދު ގޮވާލެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ތަރައްގީ އާއި ތަނަވަސްކަން ހޯއްދަވައިދެއްވުން ކަމަށާއި ގައުމަށްޓަކައި ފަހަތަށް ޖެހިވަޑައިގަންނަވަން އެމަނިކުފާނު އަބަދުވެސް ތައްޔާރު ހުންނެވި ކަމަށެވެ. ނަމަވެސް ރައްޔިތުން ބޭނުން ވަނީ އެމްޑީޕީގެ ސަރުކާރެއްކަން އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ފެންނަން އޮތުމުން ފަހަތަށްޖެހެން ވަރަށް ދަތި ކަމަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވަޑައިގަންނަވަން މަޖުބޫރު ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުނގަޑު އަބަދުވެސް ހުންނަނީ ފަހަތަށް ޖެހެން ތައްޔާރަށް. ނަމަވެސް އެ ނެގުނު ވޯޓުގައި ހުވަދޫ ކަނޑަށްވުރެ ފުންމިނުގެ ތަފާތު އެބަ އޮތްކަން އަޅުނގަޑާއި އެހެން ކެނޑިޑޭޓުންނާ. އެ ދަތި އަޅުނގަޑާ ދިމާވާނެކަން އެނގިލައްވާނެ. އެދަތި ނެތް ނަމަ އެނިންމުން ނިންމަން ވަރަށް ފަސޭހަވާނެ. ނަމަވެސް ރާއްޖޭގެ ވަރަށް ބައިވަރު ރައްޔިތުން މި އެދެނީ އެމްޑީޕީގެ ސިޔާސަތު. އެހެންވީމާ ކިތަންމެ ނިކަމެތިކޮށް ވެސް އަޅުނގަޑު ދެމިހުރުމަށް މިއޮތީ މަޖުބޫރުވެފައި،" އެމަނިކުފާނު ވިދާޅުވި އެވެ.