ސުޕްރީމް ކޯޓުން ދަނީ ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސް ހަލާކުކުރަމުން ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ހައިކޮމިޝަނަރު ފޯ ހިއުމަން ރައިޓްސް ނަވަނެތަމް ޕިއްލޭ ވިދާޅުވެއްޖެ އެވެ.

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން މިއަދު ނެރުއްވި ބަޔާނެއްގައި ޕިއްލޭ ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ކަންތައްތަކުގެ ތެރެއަށް ސުޕްރީމްކޯޓުން މާބޮޑަށް ވަންނަމުން ދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ރިޔާސީ އިންތިހާބުގެ ކަންތައްތަކުގެ ތެރެއަށް މާބޮޑަށް ވަންނަމުން ދާތީ އަޅުގަނޑު މިހިރީ ކަންބޮޑުވެފައި. އެހެން ހެދުމުން އެކުރެވޭ ކަމަކީ ޑިމޮކްރެޓިކް ޕްރޮސެސްގެ ބާރު ކަނޑުވާލުން. އަދި ރައްޔިތުން އެމީހުންގެ މަންދޫބުން މިނިވަންކަމާ އެކު އިންތިހާބު ކުރުމުގެ ހައްގަށް އަރައިގަތުން،" ޕިއްލޭ ވިދާޅުވެފައިވެ އެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ ތަބާވާން އުނދަގޫ ގައިޑްލައިނެއް ސުޕްރީމްކޯޓުން ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާ މަތިކޮށްފައިވާ ކަމަށާއި ފުލުހުން އިންތިހާބު ހުއްޓުވީ އެ ގައިޑްލައިނަށް ބަލައިގެން ކަމަށެވެ.

ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނެރުއްވި ބަޔާނުގައި ޕިއްލޭ އަދި ވިދާޅުވެފައި ވަނީ މިނިވަން އެހެން މުއައްސަސާތަކުގެ މަސައްކަތަށް ހުރަސް އަޅަމުން ކަމަށެވެ. އާއްމުންގެ ފާޑުކިއުން ހުއްޓުވުމަށް މަސައްކަތްކުރާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި އަދި ވިދާޅުވެފައި ވަނީ މައްސަލަތަކުގައި ޝާމިލުވާ މީހުން ތަމްސީލުކުރުމަށް (ކޯޓްގައި އެމީހުންގެ ދިފާއުގައި ވަކާލާތު ކުރުމަށް) މީހުން އިހުތިޔާރުކުރާ މީހުންނަށް ފުރުސަތު ނުދޭ ކަމަށެވެ.

ރާއްޖޭގެ ވެރިކަމަށް ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުމަށް މަސައްކަތް ކުރެއްވުމަށް ޕިއްލޭ ގޮވާލައްވާފައިވެ އެވެ.