ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން ހުކުމެއް ކުރިޔަސް، އެ މެންބަރަކު މަޖިލީހަށް އާދެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ޖިނާއީ ހުކުމެއްކޮށް، އެ ހުކުމްގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުން މަނާ ކުރާ މަޖިލީހުގެ ގަވާއިދުގައިވާ މާއްދާގެ އަކުރެއް މަޖިލީހުގެ ފުލޯއިން ފާސްކޮށްގެން އުނިކޮށްފައި ވަނީ އެމްޑީޕީ އާއި ޑީއާރްޕީގެ މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މަޖިލީހުގެ ފުލޯއިން ފާސްކޮގެން މިއަދު އުނިކޮށްފައި ވަނީ މެންބަރުންގެ ސުލޫކީ ހަމަތައް ބަޔާން ކުރާ މަޖިލީހުގެ ގަވާއިދުގެ 55 ވަނަ މާއްދާގެ (އ) އެވެ.

އެ މާއްދާގެ (އ)ގައި ބުނަނީ މިހެންނެވެ. "އެއްވެސް ޖިނާއީ ހުކުމެއް މެންބަރެއްގެ މައްޗަށް އަތުވެއްޖެ ކަމަށްވާ ނަމަ، އެ ހުކުމެއްގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމުގައި މަޖިލީހުގެ ޖަލްސާތަކުގައި ވޯޓު ދިނުމުގެ ހައްގު އޭނާ ދޫކޮށްލަންވާނެ އެވެ،"

މަޖިލީހުގެ ގަވާއިދުން އެ ބައި އުނިކުރުމަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. އާންމު ކޮމެޓީ އަށް އޭނާ ހުށަހެޅުއްވި އިސްލާހު، ކޮމެޓީން ފާސްކޮށް، ކޮމެޓީ ރިޕޯޓް މަޖިލީހުގައި މިއަދު ވޯޓަށް އެހުމުން 39 މެންބަރުންގެ އަގުލަބިއްޔަތު ލިބުނީ މަޖިލީހުންގެ ގަވާއިދުން އެ ބައި އުނިކުރުމަށެވެ. މަޖިލީހުގެ ގަވާއިދުން އެ ބައި އުނިކުރުމާ ދެކޮޅަށް 20 މެންބަރަކު ވޯޓު ދެއްވި އެވެ.

މެންބަރަކަށް ޖިނާއީ ހުކުމެއް ހުރިޔަސް މަޖިލީހަށް އާދެވޭ ގޮތަށް މަޖިލީހުގެ ގަވާއިދުގެ ބައެއް މިއަދު އުނިކޮށްފައިވާ އިރު، ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް ދަށު ކޯޓުން ކުރި ޖިނާއީ ހުކުމް ދެމިއޮތްހާ ހިނދަކު މަޖިލީހަށް ހާޒިރު ނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކުރިން ކަނޑައަޅައިފަ އެވެ.

ސުޕްރީމް ކޯޓުން ކުރިން އެ ގޮތަށް ހުކުމް ކުރީ މަޖިލީހުގެ ގަވާއިދުން މިއަދު އުނި ކުރި، 55 ވަނަ މާއްދާގެ (އ)އާ ހަވާލާދެއްވަ އެވެ. އެ ދުވަހު އެ ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ވިދާޅުވެފައި ވަނީ ޖިނާއީ ހުކުމެއް މެމްބަރެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ ހުކުމެއްގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމާއި ވޯޓު ދިނުމުގެ ހައްގު އެ މެމްބަރަކު ދޫކޮށްލަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 55 ވަނަ މާއްދާގެ އ.ގައި ބުނެފައިވާ ކަމަށެވެ. އަދި މިނިވަން ޑިމޮކްރެޓިކް ގިނަ ގައުމަތުގައި ވެސް ކަންތައް އޮންނަ ގޮތަކީ އެއީ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޖިނާއީ ހުކުމެއްގައި ހުރި މެމްބަރަކު މަޖިލީހަށް ހާޒިރުނުވެވޭ ގޮތަށް އޮތުމުގެ ހަގީގީ މަގްސަދަކީ ޕާލަމެންޓުގެ ހުރުމަތްތެރި ކަމުގެ އިމުން ކުށްވެރިންނަށް ޖާގަ ނުދިނުން ކަމަށާއި ކުށްވެރިންނަކީ ގާނޫނީ ނިޒާމުގެ ތެރެއިން ރައްޔިތުން ތަމްސީލުކުރުމުގެ ހައްގު ލިބިގެންވާ ބައެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

މަޖިލީހުގެ ހަތަރު މެންބަރެއްގެ މައްޗަށް ކުރާ ޖިނާއީ ދައުވާއެއް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. އެއީ ހދ. ހޮޑައިދޫގައި ރާ ބޮއި މަސްތުވީ ކަމުގެ ތުހުމަތުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މައްޗަށާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާދިމު އަބްދުލް ޣަފޫރުގެ މައްޗަށް ކުރެ އެވެ.

އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ގަލޮލޫ ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ވެސް ކުރާ ޖިނާއީ ދައުވާއެއް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރި މުޒާހަރާއަކާ ގުޅިގެން ޕީޖީ އިން އުފުލާފައިވާ މައްސަލައެއްގައި ކުރާ ދައުވާއެކެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.