ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފިޒީޝަން އަޙްމަދު ޝަކީބުގެ ހާލު ބޮޑުވެގެން ހިތުގެ އޮޕަރޭޝަނެއް ކުރުމަށް ސްރީލަންކާއަށް ގެންގޮސްފި އެވެ.

ޝަކީބުގެ ހިތުގެ މައްސަލަތަކެއް ދިމާވެގެން އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު ބައިޕާސް އޮޕަރޭޝަނެއް ކުރުމަށް ލަންކާއަށް ގެންދެވުނީ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

"ޝަކީބުގެ ހިތުގެ މައިނާރު ބްލޮކް ވެގެން އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އިތުރަށް ހާލު ގޯސްވުމުން ބައިޕާސް އޮޕަރޭޝަނެއް ކުރުމަށް މިހާރުވަނީ ލަންކާއަށް ގެންގޮސްފައި،" އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ގައުމީ ޓީމަށާއި އަދި ރާއްޖޭގެ ކުޅިވަރުގެ އެހެނިހެން ދާއިރާތަކަށް ވެސް 1997 ވަނަ އަހަރުން ފެށިގެން ހިދުމަތް ކުރަމުން އަންނަ އޭޝިއާ ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ސްޕޯޓްސް ފިޒީޝަން ހޮސްޕިޓަލަށް ގެންދިޔައީ މޭދަށަށް ތަދެއް އަރައިގެން ކަމަށް "ސަން" އަށް މައުލޫމާތު ދެއްވި އެފްއޭއެމްގެ އޮފިޝަލް ވިދާޅުވި އެވެ.

ޝަކީބުގެ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި މިހާރު އޭނާއަށް ފަރުވާ ދެމުން ގެންދާ ސްރީލަންކާގެ ނަވަލޯކާ ހޮސްފިޓަލުގަ އެވެ.

ފީފާ އާއި އޭއެފްސީގެ ކޯސްތަކުގައި ކިޔަވައިދެމުން ގެންދާ ކުޅިވަރުގެ ދާއިރާގައި "ޑޮކްޓަރު ނުވަނަ ޑޮކް"ގެ ނަމުން މަޝްހޫރު ވެފައިވާ ޝަކީބަކީ ބޭސްވެރިކަމުގެ ދާއިރާގެ އިތުރުން ރާއްޖޭގެ ފިލްމީ އަދި މިއުޒީކީ ދާއިރާގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ފަރާތެކެވެ.