އޮޑިޓް ރިޕޯޓްތައް ނުނެރިވި މިހާރު ލަސްވެފައި ވަނީ ބައެއް އަމިއްލަ ސަބަބުތަކާއި ބައްދަލުވުމެއްގައި ރާއްޖެ އިން ބޭރުގައި އުޅުއްވަން ޖެހިވަޑައިގަތުމުން ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު "ސަން" އަށް ވިދާޅުވީ ގިނަ އޮޑިޓް ރިޕޯޓްތަކެއްގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އޮޑިޓް ރިޕޯޓްތައް ނެރުން މިހާރު ލަސް ވެގެން އުޅެނީ އެ މަނިކުފާނު އަމިއްލަ ކަންކަމާއި ރާއްޖެ އިން ބޭރުގައި މަހަކަށް ވުރެ ގިނަ ދުވަސް ހޭދަކުރަން ޖެހުމުންކަމަށް ވިދާޅުވި އެވެ.

"މިދޭތެރެއިން އަޅުގަނޑުގެ މަންމަ ބަލިވެ ޗުއްޓީގައި ހުރެފައި ނުކުތްތަނާއި އޭރު އޮތް ބައްދަލުވުމަކަށް ޗައިނާ އަށް ގޮސް 28 ވަނަ ދުވަހު މިއައީ. އެހެންވީމާ މިދޭތެރެ އިން އަޅުގަނޑު އޮފީހުގައި ނޫޅޭތީ އޮޑިޓް ރިޕޯޓްތައް ކުރިއަށް ނުގޮސް އެހެރީ،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަވައިދުގައި އޮންނަ ގޮތުން އޮޑިޓާ ޖެނެރަލް ރަށުގައި ނޫޅޭ ނަމަ އޮޑިޓް ރިޕޯޓްތައް ނުނެރެވޭ ކަމަށެވެ. އަދި ވިދާޅުވީ ވަރަށް ބާރަށް ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް ގިނަ ރިޕޯޓްތައް ތައްޔާރުވެފައިވާ ކަމަށެވެ. ވަރަށް އަވަހަށް އޮޑިޓް ރިޕޯޓްތައް ނެރެވޭނެ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ. ނަމަވެސް އެއްވެސް މުއްދަތެއް ވިދާޅެއްނުވެ އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ނަމަ ކޮންމެ އަހަރެއް ނިމޭތާ ފަސް މަސް ދުވަހުގެ ތެރޭގައި ވޭތުވެ ދިޔަ އަހަރު ދައުލަތުގެ މުއައްސަސާތައް ހިންގާފައިވާ ގޮތާ ބެހޭ އޮޑިޓް ރިޕޯޓްތައް ނެރެ އާންމުކުރަން ޖެހެ އެވެ. ނަމަވެސް 2012 ވަނަ އަހަރު ނިމި 10 މަސް ފާއިތުވެގެން ދިޔަ އިރު ވެސް ސަރުކާރުގެ އިދާރާއަކާ ގުޅޭ ގޮތުން މިހާރު ނުކުމެފައި ވަނީ އެންމެ އޮޑިޓް ރިޕޯޓްއެކެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގެ ބައެއް އޮޑިޓް ރިޕޯޓްތައް އަދި ވެސް ނުނިކުމެ އެބަހުއްޓެވެ.