30 Oct 2013, 13:55
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާ އަމުރުތަކާއި މަޖިލީހުން ކުރާ އަމުރުތައް ތަންފީޒުކޮށް މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލާ "ސާޖަންޓް އެޓް އާމްސް"ގެ މަގާމަށް މ. މިލިއަން މުހައްމަދު ހަލީމް މަޖިލީހުން ހޮއްވަވައިފި އެވެ.
ސާޖަންޓް އެޓް އާމްސްގެ މަގާމަށް މަޖިލީހުން މިދިޔަ ހުކުރު ދުވަހު ކުރި އިއުލާންނަށް ކުރިމަތިލެއްވި ނުވަ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް އާންމު ކޮމެޓީން ނިންމި، ތިން ބޭފުޅުންގެ ތެރެއިން ހަލީމް ވަނީ އެންމެ މަތިން މާކްސް ހޯއްދަވާފަ އެވެ. އާންމު ކޮމެޓީގެ ސަބް ކޮމެޓީގެ ޕެނަލުން އިންޓަވިއުކުރެއްވުމުން ހަލީމަށް ލިބިވަޑައިގެންނެވީ 68 ޕަސެންޓް މާކުހެވެ.
ސާޖަންޓް އެޓް އާމްގެ މަގާމަށް ހަލީމް ހޮއްވެވުމަށް ފެނޭތޯ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ހަލީމް އެ މަގާމަށް ހޮއްވެވުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ތެރެއިން އެންމެ މެންބަރަކު ފިޔަވައި ހުރިހާ މެންބަރުން ވަނީ އޭނާ އެ މަގާމަށް ހޮއްވެވުމަށް ވޯޓު ދެއްވާފަ އެވެ.
ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދެވި ހަލީމް އެ މަގާމަށް ހޮއްވެވުމަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ލިބުމުން، އަނެއް ދެ ބޭފުޅުންގެ ނަމަކަށް ރިޔާސަތަކުން ވޯޓަކަށް ނާހަ އެވެ.
އެ މަގާމަށް ޝަރުތު ހަމަވާ އަނެއް ދެ ބޭފުޅުންނަކީ މ. މަނަދޫގެ މުހައްމަދު ނާޝިދު އާއި މ. މެރީހިޔާ ހުސައިން ސަލާހު އެވެ.
ހަލީމުގެ ނަން މަޖިލީހުން ފާސްވުމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، ސާޖަންޓް އެޓް އާމްގެ މަގާމަށް ހަލީމް އައްޔަން ކުރެވިއްޖެ ކަމަށް ކަނޑައަޅުއްވައި މުގުރު ޖެއްސެވި އެވެ.
އުމުރުން 40 އަހަރުގެ ހަލީމަކީ 24 އަހަރު ވަންދެން ސިފައިންގެ މަސައްކަތްޕުޅު ކުރައްވައި ފަސްޓް ލެފްޓިނެންޓެއްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
ސާޖަންޓް އެޓް އާމްސް މުސާރައަކީ 32،000ރ. އެވެ. ސާޖަންޓް އެޓް އާމްސްގެ މަސްއޫލިއްޔަތަކީ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކާއި އަދި އިދާރާގައި ބާއްވާ ބައްދަލުވުންތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމެވެ. އެގޮތުން މަޖިލީހުގެ ނިޒާމު ގެއްލުވާލައިފި ނަމަ މަޖިލީހުގެ ރައީސްގެ އިޒުނައާ އެކު މެންބަރުން ޖަލްސާ ކުރާ މާލަމުން ނެރުމުގެ ބާރު ސާޖަންޓް އެޓް އާމްސް އަށް ލިބިގެންވެ އެވެ.
މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން މަސައްކަތް ކުރަން ޖެހެނީ، މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ސާޖެންޓް އެޓް އާމްސްގެ ދަށުންނެވެ.