30 Oct 2013, 13:06
މީހުންނާ ނުލައި އުދުހޭ ބޯޓް (ޑްރޯން) ބޭނުންކޮށްގެން، އެމެރިކާއިން ޕާކިސްތާނަށް ދިން ހަމަލާތަކުގައި މިހާތަނަށް 900 އަށް ވުރެ ގިނަ އާއްމުން ވަނީ މަރުވެފަ އެވެ. ނަމަވެސް އެއިން ކޮންމެ ހަމަލާއަކާ އެކު މީޑިއާގައި ބުނަނީ ހަނގުރާމަވެރިންގެ މިވެނި އެވެނި އަދަދެއްގެ މީހުން މަރާލާފައިވާ ކަމަށް އެމެރިކާ ބުނާ ބުނުމެވެ.
ޕާކިސްތާނަށް އެމެރިކާއިން ތަކުރާރުކޮށް ދެމުން ގެންދާ ޑްރޯން ހަމަލާތަކުގައި އާއްމުން މަރުވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން، އެފަދަ ހަމަލާއެއްގައި މަރުވި މީހެއްގެ އާއިލާ އިއްޔެ ވަނީ އެމެރިކާގެ ކޮންގްރެސްއަށް ހާޒިރުކޮށްފަ އެވެ.
އާއިލާ ކޮންގްރެސް އަށް ހާޒިރުވެ، ހާދިސާ ހިނގި ގޮތް ކިޔައިދިނުމުގެ ފުރުސަތު ހޯއްދަވާ ދެއްވީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއް ކަމަށްވާ ގްރޭސަންއެވެ. އޭނާއަކީ ކޮންގްރެސްގައި ފްލޮރިޑާ ތަމްސީލުކުރައްވާ މެމްބަރެވެ.
ޕާކިސްތާނުގެ ވާޒީރިސްތާނުގައި ދިރިއުޅޭ ޕްރައިމަރީ ޓީޗަރެއް ކަމަށްވާ ރަފީގުއް ރަހުމާނާއި އޭނާގެ ދަރިފުޅު ނަބީލާ (9 އަހަރު) އާއި ޒުބައިރު (13 އަހަރު) އިއްޔެ ވަނީ ރަފީގު ގެ މަންމަ މޫމިނާ ބީބީ، އެމެރިކާގެ ޑްރޯން ހަމަލާއެއްގައި މަރާލިގޮތް ކޮންގްރެސްގައި ކިޔައިދީފައެވެ. އެމީހުންގެ ވާހަކައިން އެނގެނީ އެމެރިކާއިން އެކަމުގައި ބޮޑެތި ދޮގުތައް ހަދާފައިވާ ކަމެވެ.
ރަފީގުއް ރަހުމާނު އޭނާގެ ދަރިންނާއި އެކު މިހާރު ހުރީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައެވެ. އެއާއިލާ އެމެރިކާއަށް ދަތުރުކުރީ އެމެރިކާގެ ޑްރޯން ހަމަލާއެއްގައި ރަފީގުގެ މަންމަ މޫމިނާ ބީބީ މަރާލި ހާދިސާ ކޮންގްރެސް އަށް ކިޔައިދިނުމަށް ކަމަށް އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން ބުންޏެވެ.
ކޮންގްރެސްގައި އިއްޔެ ވާހަކަ ދައްކަމުން ރަފީގުގެ އުމުރުން 13 އަހަރުގެ ދަރިފުޅު ޒުބައިރު ބުނެފައި ވަނީ ދަނޑުމަތީގައި މާމައަށް އެހީތެރިވާން އުޅެނިކޮށް ، ޑްރޯންތައް ބޯމަތިން އުދުހޭތަން ފެނުނު ކަމަށެވެ. ނަމަވެސް އެކަމާ ކަންބޮޑު ނުވާ ކަމަށާއި އެއީ އޭނާއާއި އޭނާގެ މާމައަކީ ވެސް ހަނގުރާމަވެރިން ނޫން ވީމައި ކަމަށެވެ.
" މާމައަށް އެހީތެރިވުމަށް ދަނޑުބިމުގައި އުޅެނިކޮށް، ބޯމަތިން ޑްރޯން އުދުހޭ އަޑު އަހަރެންނަށް އިވުނު، ފެންނަން ވެސް ފެނުނު އެކަމަކު އަހަރެން ކަންބޮޑެއް ނުވޭ، އަހަރެން ކަންބޮޑުވާންވީ ކީއްވެ، އަހަރެންނަކީ ވެސް އަދި މާމައަކީ ވެސް ހަނގުރާމަވެރިންނެއް ނޫން، " ކެޕިޓަލް ހިލްގައި އިއްޔެ ވާހަކަ ދައްކަމުން ޒުބައިރު ބުނި ކަމަށް ނޫހުގައި ވެއެވެ.
ޒުބައިރުގެ ބައްޕަ ރަފީގު ބުނެފައި ވަނީ އޭނާގެ މަންމަ މޫމިނާ ބީބީއަށް ހަމަލާ ދިން ކަމަށް އެދުވަހު އެއްވެސް މީޑިއާއަކުން ރިޕޯޓް ނުކުރާ ކަމަށެވެ.
ބައެއް މީޑިއާ ތަކުން ބުނީ ހަމަލާ ދިނީ ކާރަކަށް ކަމަށް، އެކަމަކު އެތާކު ކާރެއް ނެތް، އަނެއް ބައި މީޑީއާ ތަކުން ބުނީ ހަމަލާ ދިނީ ގެއަކަށް ކަމަށް، އެކަމަކު މިސައިލްތައް އެރީ ކައިރީގައި އޮތް ދަނޑު ބިމަކަށް، ހުރިހާ މީޑިއާ ތަކުން ވެސް ބުނީ ތިން ހަތަރު ހަނގުރާމަވެރިން މަރުވި ކަމަށް، އެކަމަކު އެދުވަހު މަރުވީ އެންމެ މީހެއް، އެއީ ހަނގުރާމަވެރިއެއް ނޫން، އެކަމަކު އެއީ އަހަރެންގެ މަންމަ،" ތަރުޖަމާނެއް މެދުވެރިކޮށްގެން ކޮންގްރެސްގައި ވާހަކަ ދައްކަމުން ރަފީގު ބުނެފައި ވެއެވެ.
ރަފީގުގެ ދަރިފުޅު ޒުބައިރު ބުނީ ޑްރޯން ހަމަލާ ތަކާ ހެދި ބިރުން އޭނާގެ އަވަށުގެ ކުދިން ސްކޫލަށް ވެސް ނުދާ ކަމަށެވެ. އަދި ގެއިން ބޭރުގައި ކުޅެން އުޅެން ވެސް ކުދިން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.
" މިހާރު އަހަރެމެންނަށް ރަނގަޅީ ވިލާ ގިނަ، ޑްރޯންތައް ނު އުދުހޭ ދުވަސްތައް، އުޑުމަތި ސާފުވެ، ނޫކުލައަށް ބަދަލުވާ އިރަށް ޑްރޯންތައް އެނބުރި އަންނާނެ، އެހެންވީމާ ބިރުވެރިކަން ވެސް އެނބުރި އަންނާނެ، ކުދިން މިހާރު ކުޅޭކަށް ވެސް ނޫޅޭ، ސްކޫލަކަށް ނުދޭ، ކިޔެވުމަކީ މިހާރު ވާވަރު ކަމެއް ނޫން، ބޯމަތީގައި ޑްރޯންތައް އެނބުރޭ ވަރުން ، " ޒުބައިރު ބުނި ކަމަށް ނޫހުގައި ވެއެވެ.
އުމުރުން 67 އަހަރުގައި ރަފީގުގެ މަންމަ އެމެރިކާގެ ޑްރޯން ހަމަލާއެއްގެ ޝިކާރައަކަށް ވީ ގޮތުގެ ވާހަކަ ކިޔައިދޭން އޭނާއާއި އާއިލާ ކޮންގްރެސް އަށް ދިއުމުން، އެމީހުންގެ ވާހަކަ އަޑުއަހަން ހާޒިރުވެވަޑައިގެންނެވީ މަދު މެމްބެރުން ކޮޅެކެވެ. އެގޮތުން ހާޒިރުވެ ވަޑައިގެންނެވީ އެމެރިކާގެ ރައީސް ބަރަކު އޮބާމާ ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ހަމަ މެމްބަރުންނެވެ.
ރަފީގު އާއިލާއާ އެކު އެމެރިކާއަށް ދަތުރުކުރަން އުޅުނު އެއާއިލާގެ ވަކީލު ޝަހެޒާދު އަކުބަރަށް އެމެރިކާއިން ވަނީ ވިސާ ނުދީފައެވެ. ޑްރޯން ހަމަލާތަކުގެ ޝިކާރައަކަށްވާ އާއިލާތައް އެމެރިކާގެ ކޮންގްރެސްއަށް އެވާކަތައް ކިޔައި ދިނުމުގެ ހިޔާލު ފުރަތަމަ ފާޅުކުރީ އޭނާއެވެ. މިއީ އޭނާއަށް ވިސާ ދޭން އެމެރިކާއިން ދެކޮޅުހެދި ތިން ވަނަ ފަހަރެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން މިދިޔަ ހަފުތާގައި އާއްމުކުރި ރިޕޯޓެއްގައިވާ ގޮތުން އެމެރިކާގެ ޑްރޯން ހަމަލާތަކުގައި 900 އާއްމުން މަރުވި ކަމަށެވެ. އަދި އޭގެ ތެރޭގައި 200 ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެރިޕޯޓްގައި ވެއެވެ.
އެހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައި ސިފަކޮށް، އެކަމުގައި ޒިންމާވާ މީހުން ޝަރީއަތަށް ހާޒިރު ކުރަން ޖެހޭނެ ކަމަށް ވެސް އެމްނެސްޓީން ވަނީ ބުނެފައެވެ.