22 Mar 2010, 14:45
19:00
އައްޑޫ ލިންކު ރޯޑުގައި ސައިކަލަކާއި ގާޑިޔަލެއް ޖެހި އިއްޔެ ރޭ ހިނގި އެކްސިޑެންޓުގައި ޒަހަމްވެ ހާލު ސީރިޔަސްވި ޒުވާނާ އިތުރު ފަރުވާ ދިނުމަށް މިއަދު އިންޑިއާ އަށް ގެންގޮސްފި އެވެ.
ގާޑިޔަލުގެ ދަގަނޑެއް މެޔަށް ހެރި ހާލު ސީރިޔަސްވުމުން އިއްޔެ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގެ އިމަޖަންސީ ރޫމްގައި ފަރުވާދެމުން އައި، ހިތަދޫ، ދޭލިޔާގޭ އުމުރުން 22 އިބްރާހިމް ރަފީއު، އިންޑިއާ އަށް ފޮނުވާލާފައިވަނީ މިއަދު މެންދުރެވެ.
އައިޖީއެމްއެޗުން ބުނިގޮތުގައި ރަފީއު ބޭރަށް ފޮނުވާލިއިރު ވެސް އޭނާގެ ހާލަށް ވަކި ބަދަލެއް އައިސްފައެއްނުވޭ. އެހެން ނަމަވެސް އޭނާ ހޭއަރާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އައްޑޫ ލިންކް ރޯޑު، ސަރަހައްދީ ބަނދަރު ކައިރިން ހިތަދޫއާ ދިމާލަށް ސައިކަލް ދުއްވަމުން ދަނިކޮށް ލިންކްރޯޑާ ކައިރިން އަރިމަތިން ބަންގްލަދޭޝް މީހަކު ދަމާފައި ގެންދިޔަ އަތްގާޑިއަލެއް ކުއްލިއަކަށް މަގަށް ނުކުތް ވަގުތު ސައިކަލުން ގޮސް އަތްގާޑިއަލުގައި ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި ރަފީއުގެ މެޔަށް ގާޑިއަލުގެ ދަގަނޑެއް ހެރި އޭނާގެ މޭގެ ކަށިތައް ވަނީ ބިނދިފަ އެވެ. އަދި ދަގަނޑު ހެރުމުގެ ސަބަބުން މޭގެ ކަނާތްފަޅި މަސައްކަތް ނުކުރާ ކަމަށް އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އެކްސިޑެންޓުވި ގާޑިޔާ ދުއްވި ބޭރު މީހާ ގެނެސް ބަޔާން ނަގާފައިވާ ކަމަށާއި އަދި އެއީ އޭނާ ގަސްތުގައި ކޮށްފައިވާ ކަމަކަށް ނުވާތީވެ، ދޫކޮށްލާފައިވާ ކަމަށެވެ. އޮފިޝަލު ވިދާޅުވީ ފަހަތުން ބާރު ސްޕީޑެއްގައި ވެހިކަލެއް އަންނަހެން ހީވާތީ ގާޑިޔާ ދޫކޮށްލާފައި ބަންގްލަދޭޝް މަސައްކަތު މީހާ މަގުން އެއްކައިރިއަށް ޖެހުނު ކަމަށެވެ. އަލިކަމެއް ނެތް މަގަށް ގާޑިޔާ ދޫކޮށްލި ވަގުތު އޭގެ ދަގަނޑު އަތްގަނޑު މައްޗަށް އެރުމުން ސައިކަލުގައި އިން މީހާގެ މެޔަށް ހެރުނީ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.