30 Oct 2013, 12:58
ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގައި ރޭ ޔޫތު ސްޕޯޓްސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން ކްލަބް ޕީކޭ މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފޯރިގަދަ މެޗު ޕީކޭއިން ކާމިޔާބުކުރީ 25-23، 25-20 އަދި 25-22 އިން ސެޓްތައް ހޯދައިގެންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ކުރިން ދިވެހި ސިފައިންގެ ކްލަބާއި ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އަށް ކުޅުނު މޮޅު ވޮލީ ކުޅުންތެރިޔާ ޕީކޭގެ އަޝްފާގު އާދަމް (އައްކަޅޭ) އެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ހަވީރު އައިލެންޑް އޯޝަން ކްލަބާ ވާދަކޮށް ފަސޭހަ ކަމާއެކު ޕޮލިސް ކުލަބުން މެޗު ކާމިޔާބުކުރީ ވެސް ސީދާ ތިން ސެޓުންނެވެ.
ޕޮލިސް ކްލަބުން މެޗުގެ ފުރަތަމަ ސެޓް 25-5 އިން ގެނައި އިރު އަދެއް ދެ ސެޓް ނަގާފައިވަނީ 25-11 އަދި 25-13 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އެވެ.
އެސޯސިއޭޝަން ކަޕްގައި މިއަދު ވެސް ދެ މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:30ގައި ވާދަކުރާނީ އަންހެން ޑިވިޝަންގެ ކްއީން ސްޕޯޓްސް ކްލަބާއި ކްލަބް ވެލޯޒިއާ އެވެ. ދެވަނަ މެޗުގައި މިރޭ 8:30ގައި ވާދަކުރާނީ ފިރިހެން ޑިވިޝަންގެ ގްރޫޕް އޭ ގެ ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ވިޗެންޒާ އެވެ.