މި އަހަރު ނިމިގެންދާ އިރު ދިވެހި ދައުލަތުގެ ދަރަނި 27.7 ބިލިޔަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ 2005 ވަނަ އަހަރުން ފެށިގެން ދައުލަތުން ގެންގުޅެފައިވާ ދޫދެވިފައިވާ ބަޖެޓާ ބެހޭ ސިޔާސަތުގެ ސަބަބުން ދިވެހި ދައުލަތުގެ ދަރަނި އިންތިހާ އަށް ބޮޑުވަމުން އަންނަ ކަމަށެވެ. އެގޮތުން މި އަހަރު ނިމިގެންދާ އިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި 78.4 ޕަސެންޓަށް އަރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެއީ ބޮލަކަށް ބަލާއިރު ގާތް ގަޑަކަށް 80،000 ރުފިޔާ އެވެ.

"ދެހާސް ފަސް ވަނަ އަހަރުން ފެށިގެން ދައުލަތުން ގެންގުޅެފައިވާ ދޫދެވިފައިވާ ބަޖެޓާ ބެހޭ ސިޔާސަތުގެ ސަބަބުން ދައުލަތުގެ ބަޖެޓް ޑެފިސިޓް އަހަރުން އަހަރަށް މިދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވަމުން. މިގޮތުން 2013 ވަނަ އަހަރު ނިމޭ އިރު ދިވެހި ދައުލަތުގެ ދަރަނި 27.4 ބިލިޔަން ރުފިޔާ އަށް އަރާނެ. މިއީ ޖީޑީގެ ނިސްބަތުން ބަލާއިރު 78.4 އިން ސައްތަ،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ދައުލަތުގެ ބަޖެޓް ދަރަނިވަމުން ދިއުމުގެ ސަބަބުން ބެލެންސް އޮފް ޕޭވްމަންޓަށާއި ބޭރު ފައިސާގެ ރިޒާވަށް ނޭދެވޭ އަސަރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި އަހަރު ނިމިގެންދާ އިރު ރާއްޖޭގެ ބެލެންސް އޮފް ޕޭވް މެންޓްގެ ދަރަނި 472.6 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި 2014 ވަނަ އަހަރު އެ އަދަދު 482.5 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ ރަސްމީ ރިޒާވްއާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ނިމިގެންދާ އިރު ދައުލަތަށް އެތެރެ ކުރެވޭ މުދަލަށް ބަލާ އިރު ރިޒާވްގައި ހުންނާނީ ދެ މަސް ދުވަހަށްވާ ފައިސާ ކަމަށެވެ. އެގޮތުން އަންނަ އަހަރު ރަސްމީ ރިޒާވްގައި 353 މިލިޔަން ޑޮލަރު ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ މިންވަރަކީ ރާއްޖެ ފަދަ އިމްޕޯޓް ކުރުމަށް ބަރޯސާވެފައިވާ ގައުމަކަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ދައުލަތުގެ ބަޖެޓް އެއް އަހަރުން އަނެއް އަހަރަށް އިތުރުވެގެން ދިއުމުގެ ސަބަބުން ހަރަދު ކުރުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ހަމަ އެހެންމެ ދައުލަތުގެ ބަޖެޓް ދަރަނި ވުމުގެ ސަބަބުން އެ ދަރަނި ކުޑަކުރުމަށް ނުވަތަ ބަޖެޓް ސަޕޯޓްގެ ގޮތުގައި ލޯން ހޯދުމަށް ވެސް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ބަޖެޓް ސަޕޯޓަށް ފައިސާ ހޯދަން ޖެހެނީ ޓީ ބިލް ވިއްކައިގެންނާއި މަރުކަޒީ ބޭންކުން ލޯނު ނަގައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެގޮތަށް ފައިސާ ނެގުމުގެ ސަބަބުން ލޯންތަކަށް ދައްކަން ޖެހޭ އިންޓްރެސްޓް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ މިހާރު ޓީ ބިލް ވިއްކުމުގައި އިންޓަރެސްޓް ރޭޓް ހުރީ 10 ޕަސެންޓްގައި ކަމަށާއި އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. އަދި މިހާރު އެ މައްސަލަ ހައްލު ކުރުމަށް އެމްއެމްއޭއާ މަޝްވަރާ ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ 16.4 ބިލިޔަބް ރުފިޔާގެ ބަޖެޓް ހުށަހަޅުއްވަމުން ދައުލަތަށް އާމްމުދަނީ ހޯދުމަށް ހަ ކަމެއް ސަރުކާރަށް ހުށަހެޅުއްވި އެވެ. އެގޮތުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ޓީ ޖީ އެސްޓީ މިހާރު ހުރި އަށް ޕަސެންޓުން 12 ޕަސެންޓަށް މަތިކުރުމަށާއި އިމްޕޯޓް ޑިއުޓީ އަށް ބަދަލުގެނައުމަށާއި ޓޫރިޒަމްގެ ބެޑް ޓެކްސް އުވާނުލާ އަންނަ އަހަރު ކުރިއަށް ގެންދިއުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން މިހާރު ނަގާ 18.5 ޑޮލަރު 25 ޑޮލަރަށް ބަދަލު ކުރުމަށާއި ރިސޯޓް ހަދަން 12 ރަށެއް ދޫކުރުމުގެ އިތުރުން، މުވާސަލާތީ ޚިދުމަތްތަކުން ޖީއެސްޓީ ނެގުން ސަރުކާރަށް ހުށަހަޅާފައިވާ ކަންތައްތަކުތެރޭގައި ހިމެނެ އެވެ.