30 Oct 2013, 12:43
އިންޑިއާގެ ޕަންޖާބުގެ ޖަލެއްގައި ބަންދުކޮށްފައިވާ ގައިދީއަކު، ޖަލުގައި މާރާމާރީ ހިންގުމަށް ފަހު، މާރާމާރީގެ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ފޭސްބުކަށްލުމުން މައްސަލަ ހޫނުވެއްޖެ އެވެ.
އެ ވީޑިއޯތައް ފޭސްބުކަށް އަބްލޯޑް ކުރީ ޕަންޖާބުގެ ކަޕުރުތަލާ ޖަލުގައި އޮތް ގައިދީއެއް ކަމަށްވާ ސުހާ ކާލޮން އެވެ. އޭނާގެ މައްޗަށް މީހުން މެރުމާއި، ވައްކަމާއި ފޭރުމުގެ 40 ދައުވާއެއް ރައްދުވެ އެވެ. ޖަލުގައި ގައިދީންތަކެއްގެ މެދުގައި ހިނގައިދިޔަ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ވީޑިއޯ ސުހާ ކާލޮން އަޕްލޯޑް ކުރީ ފޭސް ފޭސްބުކުގައި އޭނާ ހަދާފައިވާ "ސުހާ ކާލޮން ޝާޕް ޝޫޓާ" ކިޔާ ފޭސްބުކު ފޭން ޕޭޖަކަށެވެ.
ޖަލުގައި ބަންދުކޮށްފައި ހުއްޓާ މީހުންނަށް އަނިޔާކުރާ މަންޒަރު ފެންނަ ދެ ވީޑިއޯއެއް ފޭސްބުކަށް އަޕްލޯޑް ކުރި މައްސަލާގައި އިންޑިއާގެ ޕަންޖާބުގެ ޖަލު އޮފިޝަލުންނަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
އެ ޕޭޖަށް އަޕްލޯޑުކޮށްފައިވާ އެއް ވީޑިއޯއަކީ ޖަލުގެ ގޮޅިއެއްގެ ތެރޭގައި ސުހާ ކާލޮން އެހެން ގައިދީއަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެކެވެ. އަނެއް ވީޑިއޯގައި ފެންނަނީ ޖަލުން ބޭރުގައި ގުރޫޕަކުން އެހެން މީހެއްގެ ގައިގާ ލަކުޑިބުރިތަކުން ތަޅާ މާރާމާރީ ހިންގާ މަންޒަރެވެ.
އިނގިރޭސިވިލާތުގެ ޑެއިލީމެއިލްއިން ބުނީ ސުހާ ކާލޮންގެ ތިން އެކައުންޓެއް ފޭސްބުކުގައި އުފައްދާފައިވާ ކަމަށާއި ކޮންމެ ދުވަހަކު އޭނާ އެ ޕޭޖުތައް އަޕްޑޭޓްކުރާ ކަމަށެވެ. ސުހާ ކާލޮންގެ ފޭންޕޭޖަށް މިހާތަނަށް 16،000 އަށް ވުރެ ގިނަ "ލައިކްސް" ލިބިފައިވެ އެވެ.
އެ މައްސަލާގައި ޖަލުގެ އޮފިޝަލުން ގައިދީންނާ ބައިވެރިވެގެން ގައިދީންނަށް މޯބައިލް ފޯނާއި މަސްތުވާތަކެތި ފަދަ އެއްޗެހި ހޯދާ ދޭ ކަމުގެ ތުހުމަތުތައް ވަނީ ކޮށްފަ އެވެ.
އިންޑިއާގެ އޭޑީޖީޕީ ޕްރިޒަންސްގެ އޮފިޝަލެއް ކަމަށްވާ އާރު. ކޭ މީނާ ވިދާޅުވީ އެ މައްސަލަތައް ފެންމަތިވުމާ ގުޅިގެން ސުހާ ކާލޮން އެހެން ޖަލަކަށް ބަދަލުކޮށްފައިވާ ކަމަށާއި އޭނާ ނަގާފައިވާ ވީޑިއޯތައް ފޭސްބުކަށް އަޕްލޯޑްކުރި ގޮތުގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.