ތިނަދޫގައި ހުޅުޖެހުން:
ކުއްޖެއްގެ ދިފާއުގައި ހެކިބަސްދީފި

2 އަހަރު 12 މަސް ކުރިން - 30 އޮކްޓޯބަރ 2013
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖެހި މައްސަލައާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ދައުލަތުން ދައުވާ އުފުލާފައިވާ ހަތަރު ކުދީންގެ ތެރެއިން އެއް ކުއްޖެއްގެ ދިފާއުގައި މީހަކު ހެކިބަސް ދީފި އެވެ.

އެ ކުއްޖާގެ ދިފާއުގައި މީހަކު ހެކިބަސްދީފައި ވަނީ މިއަދު 11:00 ގައި ޖުވެނައިލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ. ނަމަވެސް މައްސަލައިގެ ބާވަތުން ހެކިބަސް ލިބުނުގޮތެއް އެ ކޯޓުން ނުބުނެ އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ދެން އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ކަމަށާއި އެ ދުވަހު އޮންނާނީ ދެ ކުއްޖަކު ހުށަހަޅާފައިވާ ދިފާއީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ. އަދި އޭގެފަހުން އަންނަ މަހުގެ 12 ވަނަ ދުވަހަށް ވެސް އެ މައްސަލަ ޝެޑިއުލްކޮށްފައިވާ ކަމަށާއި އެދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ދިފާއުގައި ނަގަންޖެހޭ ހުރިހާ ހެކީންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ ހެކިބަސް ނަގައި ނިމުމުން އަންނަ މަހުގެ 18 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވައި ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތްތަކަށް ޚުލާސާ ބަޔާން ހުށަހަޅައި ފަހުބަސް ބުނުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ. އޭގެފަހުން އެހެން ދުވަހަކުން އެ މައްސަލައާ މެދު ޝަރީއަތުން ކަނޑައަޅާ ހުކުމް އިއްވުން އޮންނާނެ ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ.

މިހާރު އުމުރުން 18 އަހަރު ފުރިފައިވާ އެ ހަތަރު ކުދީންގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި ރޭގަނޑު 8:30އާ ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު އެ ހަތަރު ކުދީން ތިނަދޫ ޕޮލިސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ ޕޮލިސްޓޭޝަންގެ އިމާރާތަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ޕޮލިސްޓޭޝަންގެ އިތުރުން ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ ކޯޓުގައިވެސް ވަނީ ހުޅުޖަހައި އަންދާލާފަ އެވެ.