30 Oct 2013, 12:07
މަސްތުވާތަކެތީގެ މައްސަލެއްގައި އުމުރަށް ޖަލަށްލުމަށް ލަންކާގެ ކޯޓަކުން ކުރި ހުކުމަކާ ގުޅިގެން އެ ގައުމުގެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދިވެއްސަކު ރާއްޖޭގެ ޖަލަށް ބަދަލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކުރީގެ ވަޒީރު އަމީން ފައިސަލްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މއ. ގޮމަށީގޭ އިބްރާހީމް އާދަމް މަނިކު ސްރީލަންކާއިން މަސްތުވާތަކެތި ބޭރުކުރަން އުޅުނުކަން މާޗް 26، 2009، ގައި ޝަރީއަތަށް ސާބިތުވުމުން އުމުރު ދުވަހުގެ ޖަލު ހުކުމެއް ލަންކާގައި ތަންފީޒު ކުރަމުންދަނިކޮށް މެއި 29، 2009، ގައި އޭނާ ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އިބްރާހީމް އާދަމް މަނިކަކީ މާލޭ ސިޓީ ކައުންސިލް މެންބަރު ސަރަނގު އާދަމް މަނިކުގެ ދަރިއެކެވެ.
އޭނާ ރާއްޖެ ގެނެސްފައި ވަނީ އޭނާގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރުމުގެ ޔަގީންކަންދީ ލަންކާގެ ޖަސްޓިސް މިނިސްޓްރީއަށް ރާއްޖޭގެ ހޯމް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން ކަން އެނގޭ ކަމަށާއި އޭރު އަމީން ފައިސަލަކީ އެކްޓިން ހޯމް މިނިސްޓަރު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މީހާގެ މައްޗަށް ލަންކާގެ ކޯޓުން ކޮށްފައިވާ ހުކުމް ރާއްޖޭގައި ތަންފީޒު ކުރެވިދާނެތޯ ބެލުމަށް ހޯމް މިނިސްޓްރީން ބަންޑާރަ ނާއިބުގެ ލަފާ ހޯދަން އެދިފައި ވަނީ އޭނާ ރާއްޖެ އައި ފަހުން ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ކުށްވެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުކުރުމާ ބެހޭގޮތުން ދިވެހި ސަރުކާރާއި ލަންކާ ސަރުކާރާ ދެމެދު ފެބްރުއަރީ 12، 2008، ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވިޔަސް، އެ އެއްބަސްވުމަށް އަމަލުކުރުމުގެ ކުރިން ބަދަލު ކުރަންޖެހޭ އެއްބަސްވުން ތަސްދީގު ކުރުމުގެ ލިޔުން މިއަދާ ހަމައަށް ވެސް ދެ ގައުމުން ބަދަލުކޮށްފައި ނުވާ ކަމަށެވެ.
ބޭރުގައުމުތަކުން ކުރާ ހުކުމްތައް ރާއްޖޭގައި ތަންފީޒު ކުރެވޭނެ ގާނޫނީ އޮނިގަނޑެއް ނެތި އަދި އެ މީހާގެ މައްޗަށް ލަންކާ ކޯޓުން ކޮށްފައިވާ ހުކުމް ރާއްޖޭގައި ތަންފީޒު ކުރެވިދާނެތޯ ބެލުމެއް ނެތި އޭނާގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރެވިދާނެ ކަމުގެ ޔަގީންކަންދީ ލަންކާގެ ޖަސްޓިސް މިނިސްޓްރީއަށް ސިޓީ ފޮނުވާފައި ވަނީ އެ މީހާއަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ތަހުގީގަށް ފާހަގަކުރެވޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.