އިނިގިރޭސި ލީގުކަޕްގެ ހަތޔަރު ވަނަ ބުރުގައި ރޭ ޗެލްސީއަތުން 2-0 އިން ބަލިވެ އާސެނަލް ކެޓިއިރު، ނޯވިޗް ސިޓީ އަތުން ފަސޭހަ ކަމާއެކު 4-0 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް ވެސް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗަކީ، 2007 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލްމެޗުގެ ރިޕީޓް މެޗެކެވެ. އެފަހަރު ހޯސޭ މޮރީނިއޯ އާސީން ވެންގާގެ މައްޗަށް ކުރިހޯދީ 2-1 އިން އާސެނަލް ބަލިކޮށްފަ އެވެ.

މެޗުގެ 25 ވަނަ މިނިޓުގައި ޗެލްސީއަށް ކުރި ހޯދައިދިނީ، އެޓީމުގެ ސްޕެއިން ފުލްބެކް، ސެޒާ އަޒްޕިލިކުއެޓާ އެވެ. އަދި ދެވަނަ ލަނޑު މެޗުގެ 66 ހަވަނަ މިނިޓުގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ ސްޕެއިން މިޑްފީލްޑަރު ހުއާން މާޓާ އެވެ.

"މިއީ ކުޅުންތެރިންގެ އިތުބާރު ވަރުގަދަ ކުރުމަށް ވަރަށް މުހިއްމު މޮޅެއް،" މާޓާ ބުންޏެވެ. "މެންޗެސްޓާ ސިޓީ ބަލިކުރުމަށް ފަހު މިހަފްތާގައި އަނެއްކާ އާސެނަލް ބަލިކުރެވުމުން އަހަރެމެންނަށް ޓީމު ވަރުގަދަ ވަމުންދާކަން އެބަ އިހްސާސް ކުރެވޭ. ސަބަބަކީ އެ ދެޓީމަކީވެސް ވަރުގަދަ ދެޓީމް."

ޕްރިމިއާ ލީގުގެ އެއްވަނަ މަގާމްގައި އޮތް އާސެނަލްގެ ކޯޗު ބުނީ، މި މެޗުގެ ނަތީޖާގެ ސަބަބުން ލީގު މެޗުތަކަށް އެއްވެސް އަސަރެއް ނުކުރާނޭ ކަމަށެވެ.

"މިއީ މުޅިން ތަފާތު މުބާރާތެއް. މީގެ އަސަރެއް ލީގު މެޗުތަކަކަށް ނުކުރާނެ... މިއީ ވަރަށް ބާރުބޮޑު މެޗެއް. އެމީހުން އަހަރެމެންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނެގީ،" ވެންގާ ބުންޏެވެ.

ޕްރިމިއާ ލީގުގައި އާސެނަލްއަށް ވުރެ އަށް ޕޮއިންޓު ފަހަތުގައި އޮތް ޔުނައިޓެޑް، ލީގު ކަޕްގެ ގަދަ އަށަކުން ޖާގަ ހޯދިއިރު އެޓީމުގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ މެކްސިކޯ ފޯވާޑް ހަވިއާ ހެނަންޑޭޒް އެވެ. އަނެއް ދެލަނޑުގެ ތެރެއިން އެއްލަނޑު ފިލްޖޯންސް ކާމިޔާބުކޮށްދިން އިރު އަނެއް ލަނޑު ޖަހައިދިނީ ފަބިއޯ ޑަސިލްވާ އެވެ.

ލީގު ކަޕްގެ އެހެނިހެން މެޗުތަކަށް ބަލާއިރު، ބާމިންގްހަމްއާއި ސްޓޯކް ސިޓީ ކުޅުނު މެޗު 3-3 އިން އެއްވަރުވެ އިތުރު ވަގުތު ކުޅުވައިގެން ދެޓީމު 4-4 އިން އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެ މެޗު ޕެނަލްޓީ ޖަހައިގެން ބާމިންގްހަމް ކާމިޔާބު ކުރީ 4-2 އިންނެވެ.

ލީގު ކަޕްގައި ބާންލީއާ ވާދަކޮށް ވެސްޓްހެމް ޔުނައިޓެޑް 2-0 އިން މޮޅުވިއިރު ލެއިސެސްޓާ ސިޓީއާ ވާދަކޮށް ފުލަމް ވަނީ 4-3 އިން ބަލިވެފަ އެވެ.