މާލިއްޔަތު ކޮމެޓީ އަށް އެ ކޮމެޓީގެ މެމްބަރަކު ހުށައެޅި ހުށައެޅުން ބަދަލުކޮށް އެސްޓީއޯގެ ބޯޑް ގެނައުމަށް އެ ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނިންމައިފި އެވެ.

މެރީޑިއަމް އިން އެސްޓީއޯ އިން 19 މިލިއަން ރުފިޔާގެ ތެލަށް ހިޔާނާތްވެފައިވާ ކަމަށް ބުނާ މައްސަލަ އާ ބެހޭ ގޮތުން މިއަދު ހެނދުނު މާލިއްޔަތު ކޮމެޓީގައި ބޭއްވި ބައްދަލުވުމުގައި ޖާބިރު އެގޮތަށް ނިންމާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު ވިޝާމް އަލީގެ ހުށައެޅުއްވުމާ ގުޅިގެންނެވެ. ވިޝާމް ހުށައަޅުއްވާފައި ވަނީ އެސްޓީއޯގެ ތެރެއިން ވެސް އެ މައްސަލާގައި އިހުމާލްތަކެއް ވެފައިވާ ކަމަށް ފެންނާތީ އެސްޓީއޯގެ ތެރެއިން އެ މައްސަލަ ބެލިފައިވޭތޯ ބެލުމަށެވެ.

ވިޝާމް އެގޮތަށް ހުށައެޅުމުން އެ ކޮމެޓީގެ މުގައްރިރު ޖާބިރު ވިދާޅުވީ "ތިޔަ ވިދާޅުވަނީ އެސްޓީއޯ އިން ތިޔަ މުއާމަލާތް ހިންގި ބޯޑް މިތަނަށް ހާޒިރު ކުރަންތޯއޭ، އޭރުންތާ އެބޭފުޅުންނަށް ސީދާ ވާހަކަ ދައްކާލެވޭނީ،.... ނޫނީ މުޅި ޑިޕާޓްމެންޓް އެއްކޮށް މިތަނަށް ގެނަން ވީންނޫންތޯ، އެސްޓީއޯގެ މުޅި ބޯޑް މިތަނަށް ގެނަން ވީތޯ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރުގެ އެ ވާހަކައަށް ރައްދު ދެއްވައި ވިޝާމް ވިދާޅުވީ ބަލަން ބޭނުމީ އެސްޓީއޯ އިން އެކަމާ ގުޅޭ ގޮތުން ފިޔަވަޅު އަޅާފައިވޭތޯ ކަމަށާއި އެއީ "އެބޭފުޅުން ގެނެސްގެން ވިޔަސް ނުނީ ސިޓީއެއް ގޮތަށް ވިޔަސް" މައްސަލައެއް ނެތް ކަމަށެވެ.

އެކަމާ ގުޅިގެން ޖާބިރު ވިދާޅުވީ "ހީވަނީ ތިޔަ ވިދާޅު ވަނީ އެސްޓީއޯގެ ބޯޑު ގެނަން ޖެހޭހެން ވިދާޅުވާހެން" ކަމަށެވެ. އެހެން ވިދާޅުވެ އެކަމަށް ތާއީދު ކުރައްވާ މެމްބަރަކު ހުރިތޯ ސުވާލުކުރެއްވި އެވެ. އިރުކޮޅަކަށް ފަހު އެކަމަށް ތާއީދު ކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އެވެ. އޭނާ ވެސް ވިދާޅުވީ "ވިޝާމްގެ ހުށައެޅުމަށް ތާއީދުކުރާ" ކަމަށެވެ.

ޖާބިރު އެގޮތަށް ނިންމެމުމުން ވިޝާމް ވިދާޅުވެފައި ވަނީ މުޅި ބޯޑު ނުގެނަޔަސް އެކަންކަމުގެ މައުލޫމާތް ހޯދިދާނެ ކަމަށެވެ. އަދި ހުށައެޅި ހުށައެޅުމަކީ އެސްޓީއޯގެ މުޅި ބޯޑް ގެނައުން ނޫން ކަމަށް ވިޝާމް ވިދާޅުވި އެވެ.

އެވަގުތު ޖާބިރު ވިދާޅުވީ "މި މައްސަލާގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް" ކަމަށެވެ.

ޖާބިރު އެގޮތަށް ނިންމެމުމުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ ވިދާޅުވީ މިއަދު ތިނެއް ޖަހާއިރަށް އެސްޓީއޯ ބޯޑު ގެނައުމުގެ ބަދަލުގައި ވަގުތުކޮޅެއް ދިނުމަށް ހުށައަޅާ ކަމަށެވެ. ނަމަވެސް ޖާބިރު ވިދާޅުވީ އެކަން އޮތީ ނިމިފައި ކަމަށެވެ.

މިއަދު އެކޮމެޓީގެ މެދުތެރެއިން ނާއި އެކޮމެޓީ ނިންމާލުމަށް ފަހު ވަނީ މެރީޑިއަމްގެ ވެރިޔާ އަދި ވިލިފުށީ ދާއިރާގެ މެމްބަރާއި އެކޮމެޓިގެ މުގައްރިރު ޖާބިރާ ދެމެދު ޒުވާބެއް ހިނގައިފަ އެވެ. އެ ޖުވާބުގައި އެކަކު އަނެކަކަށް "ކަލޭތީ ވަގެއް، ކަލޭތީ ވަގެއް" ކަމަށް ގޮވާއި ހުތުރުބަހުން ވާހަކަ ވެސް ދައްކާފައިވެ އެވެ.

ޒުވާބަށް ފަހު ކޮންމެ ފަހަރަކު ވެސް އެ ކޮމެޓީގެ މުގައްރިރު ޖާބިރު ވަނީ އެއްވެސް މެމްބަރަކު ޒާތީނުވެ އެ މައްސަލަ ބެލުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މަޖިލިސް ސާފު ތާހިރުތަނަކަށް ވެގެން ނޫނީ ގާނޫނު ނުހިންގޭނެ ކަމަށް ޖާބިރު ވިދާޅުވެފައިވެ އެވެ.

މިއަދުގެ ޖަލްސާ ނިންމާލާފައި ވަނީ މިއަދު ތިނެއް ޖަހާއިރު އެސްޓީއޯގެ މުޅި ބޯޑް މަޖިލީހަށް ގެންނަން ނިންމާފައިކަމަށް އެ ކޮމެޓީގެ މުގައްރިރު ޖާބިރު އިއުލާން ކުރަމުންނެވެ.