އިންޑިއާގެ ދެކުނު ސަރަހައްދެއްގައި ދުއްވަމުންދިޔަ "ލަގްޒަރީ" ދެބުރި ބަހެއްގައި އަލިފާންރޯވެ އޭގައި ދަތުރުކުރި ފަސިންޖަރުންގެ ތެރެއިން 44 މީހުން މަރުވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ، ރޭ ފަތިހު 5:00 ކަންހާއިރު ބެންގަލޫރާއި ހައިދަރު އާބާދާ ދެމެދު ދަތުރުކުރަން އޮންނަ "ހައިވޭ" އެއްގައި ދަތުރުކުރަމުން ދަނިކޮށް ބަހުގެ ތެޔޮޓޭންކާ ދިމާލުން ތިރީ ބައެއް، އެ މަގުގައި އުފުލިފައިވާ ތަނެއްގައި ޖެހި އަލިފާންރޯވުމުގެ ސަބަބުން ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"އެ ހާދިސާގައި ކުޑަކުދިންނާ އެކު މަރުވިމީހުންގެ އަދަދަކީ 44،" ފުލުހުންގެ ތަރުޖަމާން ވެންކަޓޭޝްވަރުލޫއާ ހަވާލާދީ އޭއެފްޕީގައި ބުނެފައިވެ އެވެ.

ފުލުހުންގެ ތަރުޖަމާން ވިދާޅުވީ، ބަހުގައި އެވަގުތު ތިބި 49 މީހުންގެ ތެރެއިން ބަސް ދުއްވަން އިން ޑްރައިވަރާއި އަދި ބަސް ސާފުކުރާ މީހާގެ އިތުރުން ތިން މީހަކު ބަހުގެ ބިއްލޫރިގަނޑު ތަޅާލައިގެން ނުކުމެ ސަލާމަތްވި ކަމަށާއި އެހެން ނަމަވެސް އިތުރު މީހަކު ސަލާމަތްވުމުގެ ކުރިން މުޅިބަހުގައި އަލިފާން ރޯވީ ކަމަށެވެ.

"ޑްރައިވަރާއި ބަސް ކްލީނާ މަސައްކަތްކުރީ ސަލާމަތް ވެގެން ދުވެ ފިލަން. އެކަމަކު ފުލުހުން އެމީހުން ހިފަހައްޓައިގެން މިހާރު ތަހްގީގު ކުރިއަށް ގެންދަނީ. އަނެއް ތިންމީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން މިހާރު ދަނީ،" ވެންކަޓޭޝްވަރުލޫ ވިދާޅުވި އެވެ.

އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ރެކޯޑުތަކުން ދައްކާގޮތުގައި ހަމަ އެކަނި 2011 ވަނަ އަހަރުވެސް އެގައުމުގައި މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވިމީހުންގެ އަދަދު 131,834 އަށް އަރައެވެ.

އިންޑިއާގައި މަގުމަތީ އެކްސިޑެންޓް ތައް ގިނައިން ހިނގާފައި ހުރީ، މަގުތަކުގެ ފެންވަރު ދައްވުމާއި ދުއްވާ މީހުންގެ ފަރުވާ ކުޑަވުމާއި އަދި ބާރު ސްޕީޑްގައި މަގުތަކުގައި ދުއްވާ އެއްޗެހި ދުއްވުމުގެ ސަބަބުން ނެވެ.