01 Dec 2010, 07:58
މާލޭގެ ދެ ސަރަހައްދެއްގައި ޕާކްކޮށްފައި ހުރި ދެ ސައިކަލެއްގައި ރޭ ފަތިހު ރޯކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ، ރޭ ދަންވަރު ތިނެއް ޖަހާ އެހާކަންހާއިރު ބުރުޒު މަގު ނާރެސް ފިހާރަ ކައިރީ ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލާފައިވާއިރު އޭގެ ގަޑިއެއްހާއިރުފަހުން ގ. ސެންޓުގެ ކައިރީ ޕާކްކޮށްފައި ހުރި ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމަށެވެ.
ސަން އޮންލައިންގެ ޓީމުން ސެންޓުގެ ސަރަހައްދަށް މިއަދު ދިޔައިރު، ފިހާރައެއް ކުރިމަތީގައި ޕާކްކޮށްފައި ހުރި ޕަލްސާ ސައިކަލެއް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ. އަދި ސައިކަލް ކައިރީ ހުރި ފިހާރައަށް އަލިފާނުގެ އަސަރުކޮށް، ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެންގޮސްފައިވާ އިރު އެތަނުގައި ހުރި އިތުރު ސައިކަލެއް ވެސް ވަނީ ފުދޭވަރަކަށް އަނދައިފަ އެވެ.
ނަމަވެސް، އެ ސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނީ، ފިހާރަ އަށާއި އެތަނުގައި ހުރި އެހެނިހެން ސައިކަލުތަކަށް އިތުރު ގެއްލުން ލިބިފައިނުވަނީ އަލިފާން ރޯކޮށްލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފަޔާ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަށް ގޮސް އަލިފާން ގަނޑު ކޮންޓްރޯލްކުރުމުގެ ސަބަބުން ކަމަށެވެ.
ފުލުހުން ބުނީ، ނާރެސް ފިހާރަ ކައިރިން ރޯކޮށްލި ސައިކަލުގެ އަލިފާންގަނޑު ވެސް ފަޔާ ޓީމުން އެ ސަރަހައްދަށް ގޮސް ނިއްވާލި ކަމަށެވެ. ނަމަވެސް، އެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.