30 Oct 2013, 10:31
ރާއްޖެއާ އަވަށްޓެރި ގައުމުތަކާ ދެމެދު ގުޅުން ގޯސްވާ ފަދަ ކަންތައްތައް ނުކުރުމަށް ފޮރިން މިނިސްޓްރީން ގޮވާލައިފި އެވެ.
ފޮރިން މިނިސްޓްރީން މިކަމަށް ގޮވައލީ ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރުގެ ކާރުކޮޅަށް އިއްޔެރޭ ދިން ހަމަލާ ކުށްވެރި ކުރުމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގަ އެވެ.
"ގާތް ގުޅުމެއް އޮންނަ އަވަށްޓެރި ގައުމުތަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާ ފަދަ ކަންތައްތައް ނުކުރުމަށް ފޮރިން މިނިސްޓްރީން އާއްމުންނަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
ހައިކޮމިޝަނަރުގެ ކާރަށް ދިން ހަމަލާ ކުށްވެރިކުރާ ކަމަށާއި އެކަމުގައި ޝާމިލުވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ހައިކޮމިޝަނަރުގެ ކާރުކޮޅަށް ދިން ހަމަލާ ރައީސް އޮފީހުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަސްއޫދު އިމާދު އިއްޔެ ސޯޝަލް މީޑިއާ ޓުވިޓާގައި ވިދާޅުވެފައި ވަނީ ހައިކޮމިޝަނަރުގެ ކާރަށް ގެއްލުން ދިނުމުގެ ފިނޑި އަމަލު ހިންގި މީހަކު ވަރަށް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.
ދިވެހި ސަރުކާރުން އެހަމަލާ ކުށްވެރިކޮށް، އެކަން ތަހުގީގުކުރާނެ ކަމަށް ބުނި ނަމަވެސް އިންޑިއާ އިން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، ހަރުކަށި ބަޔާނެއް ނެރެފަ އެވެ. އެ ހާދިސާ ހިނގި އާއްމުންގެ އެތައް ބަޔަކާއި ފުލުހަކު ބަލަން ތިބި ކަމަށާއި އެހެން ނަމަވެސް އެކަން ހުއްޓުވަން މަސައްކަތްކޮށްފައި ނުވާ ކަމަށް އެބަޔާނުގައިވެ އެވެ.
"މަގުމަތީގައި އެވަގުތު ތިބި ގިނަ ބަޔަކާއި އަދި ފުލުހުންގެ މީހަކަށް ވެސް އެ ހަމަލާދިން މަންޒަރު ފެނިފައި ވާނީ. އެކަމަކު ވެސް އަޅާލައިފައެއް ނުވޭ. އެކަމުން އެނގިގެން އެބަދޭ އެ ހަމަލާ ދީފައި ވަނީ އުފެދިފައިވާ ރުޅިވެރިކަމެއްގެ ސަބަބުން ގަސްތުގައި ކާރަށް ގެއްލުން ދިނުމާއި އަދި އެ ކާރު އޭގެ ވެރިފަރާތަށް ވެސް އަމާޒު ކޮށްގެން ކަމަށް،" ހައިކޮމިޝަނުން ބުނެފައިވެ އެވެ.
އަދި ބުނެފައި ވަނީ އެފަދަ ކަންތައްތަކުގެ ސަބަބުން ދެގައުމުގެ ގުޅުމަށް އަސަރުކުރާނެ ކަމަށާއި އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މިކަން ވަރުގަދައަށް ކުށްވެރި ކުރާ އިރު، އެހެންޏާ ވަރަށް ގާތްކޮށް، ރަނގަޅަށް އޮންނަ ދެގައުމުގެ ގުޅުމަށް މިފަދަ ކަންތައްތަކުން އަސަރުކުރާނެތީ ވަރަށް ބޮޑަށް ކަންބޮޑުވެއެވެ.
ހައިކޮމިޝަނަރުގެ ކާރުކޮޅަށް ހަމަލާ ދިން ހާދިސާގައި ފުލުހަކު އަޅައި ނުލައި ހުރި ކަމަށް ހައިކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވާތީ ކަމިޝަނަރު އޮފް ޕޮލިސް ޢަބުދުﷲ ރިޔާޒު އަށް ސަން އިން ސުވާލު ދެންނެވުމުން ވިދާޅުވީ އެކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
"ހައިކޮމިޝަން ބެލެހެއްޓުމަށް ފުލުހަކު ހުންނާނެ، އެ ހާދިސާގައި ފުލުސް މީހާ ރިއެކްޓް ކޮށްފައި ވަނީ ކިހިނެތްތޯ އަޅުގަނޑުމެން މިދަނީ އިންޓާނަލީ ބަލަމުން،" ރިޔާޒު ވިދާޅުވި އެވެ.
ހައިކޮމިޝަނަރު ޝަހާރޭގެ ކާރަށް އިއްޔެރޭ ދިން ހަމަލާގައި އެ ކާރުގެ ފަހަތު ބިއްލޫރިގަނޑުން ބައެއް ވަނީ ތަޅާލާފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ހައިކޮމިޝަންގެ ކުރިމަތީ، ޕާކުން ޒޯން ބޭރުގައި ޕާކުކޮށްފައި އޮތް ހައިކޮމިޝަނަރުގެ ޑިޕްލޮމެޓިކް ބޯޑު ޖަހާފައިވާ މާސެޑީޒް ބެންޒް ކާރުގެ ފަހަތު ބިއްލޫރިގަނޑުގައި ގާބުރިއަކުން ޖެހުމުން މެދުން ވަނީ ބާގަނޑެއް ހެދިފަ އެވެ.
ފުލުހުންގެ އެރު ބުނެފައި އިންޑިއަން ހައި ކޮމިޝަން ކައިރީގައި ޕާކުކޮށްފައި އޮތް އިންޑިއަން ހައި ކޮމިޝަނަރުގެ ކާރު ކޮޅުގެ ބިއްލޫރިގަނޑު ތަޅާލައިފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި ބުނީ އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އިރުއޮއްސި 18:45ގައި ކަމަށާއި އެ މައްސަލާގައި ތުހުމަތުކުރެވޭ ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އަދި ބުނެފައި ހައި ކޮމިޝަނަރުގެ ކާރު ކޮޅުގެ ބިއްލޫރިގަނޑު ތަޅާލި އަމަލު މޯލްޑިވްސް ޕޮލިސް ސާވިސް އިން އެންމެ ހަރުކަށި އިބާރާތުން ކުށްކުރިވެރި ކުރާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައިވެ އެވެ.
"މިފަދަ މަޢުލޫމާތެއް ފުލުހުންނާ ހިއްސާކުރައްވާ ފަރާތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައި ވެސް ދަންނަވަން." ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.