30 Oct 2013, 10:17
ޕްރާގް (އޮކްޓޯބަރ 30): ޔޫރަޕްގެ ގައުމުތަކަކީ އެމެރިކާގެ ބައިވެރިން ކަމަށްވާހިނދު އެމެރިކާ އިން ޔޫރަޕްގެ ގައުމުގެ ވެރިންނާއި ރައްޔިތުންނަށް ޖާސޫސުކޮށް ފޯންކޯލްތައް ސިއްރިޔާތުގައި އަޑުއެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް ވިދާޅުވެއްޖެ އެވެ.
ޔޫރަޕްގެ ގައުމުތަކަށް އަމާޒުކޮށްގެން އެމެރިކާ ކުރިޔަށް ގެންދާ ޖާސޫސީ ހަރަކާތްތަކަށް ވަރަށް ބޮޑަށް ކުށްވެރިކުރައްވަމުން އޮލާންދް ވިދާޅުވީ މިކަން ކުރިޔަށްދާ ނަމަ ދެފަރާތުގެ ގުޅުންތައް ގޯސްވެ އިތުބާރު ގެއްލިގެންދާނެ ކަމުގަ އެވެ.
ޗެކްރިޕަބްލިކަށް ކުރައްވާ ޒިޔާރަތެއްގައި ފަރަންސޭސި ރައީސް މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު ވައިޓް ހައުސްއިން ވަނީ އެމެރިކާގެ އެންމެ ބޮޑު ޖާސޫސީ އިދާރާ ކަމަށްވާ ގައުމީ ސަލާމަތާ ބެހޭ އެޖެންސީން ކުރިޔަށްގެންދާ ޖާސޫސީ ބައެއް ހަރަކާތްތައް ކޮންޓްރޯލްކުރުމަށް ވައުދުވެފަ އެވެ. ވައިޓް ހައުސް އިން ބުނީ އެމެރިކާގެ ބައިވެރި ގައުމުތަކުގެ ލީޑަރުންނާ ދެކޮޅަށް ޖާސޫސީ ހަރަކާތްތައް ހިންގުން މަނާކުރުމާ މެދު ރައީސް ބަރަކް އޮބާމާ ވިސްނަވަމުން ގެންދަވާ ކަމަށާ ބައިވެރިންނާ ގުޅުންތައް ގޯސްވުމަށް އޮބާމާ ބޭނުންފުޅު ނޫންކަމުގަ އެވެ.
އެމެރިކާ އިން ދުނިޔޭގެ 35 ގައުމެއްގެ އިސްވެރިންގެ ފޯންކޯލްތައް އަޑުއަހައި ޖާސޫސުކޮށްފައިވާ މައްސަލަ ބޭޒާރުވެފައި މީގެ ތެރެއިން ބައެއް ލީޑަރުންނަކީ އެމެރިކާގެ ބައިވެރިން ކަމުގައިވާ ޔުރަޕްގެ ބައެއް ގައުމުތަކުގެ ލީޑަރުން ކަމުން އެމެރިކާއާއި ޔޫރަޕާ ދެމެދުވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އެޖެންސީން ކުރިޔަށް ގެންދިޔަ މިޖާސޫސީ ހަރަކާތްތައް ހިންގާފައި ވަނީ ރައީސް ބަރަކް އޮބާމާއަށް ވެސް އެނގިވަޑައިގެންކަމަށާ މިކަން އޮބާމާ މަނާކުރައްވާފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.(ރޮއިޓާސް)