މިހާރު ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެޕަލް ކުންފުނީގެ މަސައްކަތް ފެށި ގެއަށް
"ތާރީހީ ބިނާ" އެއްގެ ލަގަބު ދީފި އެވެ.

ކެލިފޯނިއާގައި ހުންނަ ސްޓީވް ޖޮބްސްގެ ކުރީގެ ގެއަށް މިލަގަބު ދީފައި ވަނީ ކެލިފޯނިއާގެ ސިލިކޮން ވެލީގެ ތާރީހީ ތަރިކައާ ބެހޭ ކޮމިޝަނުން ނެވެ.

ކެލިފޯނިއާގެ ލޮސް އަލްޓޮސްގައި ހުންނަ މިގެއަކީ 1976 ގައި އެޕަލް ކުންފުނީގެ ފުރަތަމަ ކޮމްޕިއުޓަރު ހެދުމުގެ މަސައްކަތް ސްޓީވް ޖޮބްސް ފެށި ގެ އެވެ. އެ މަސައްކަތް ޖޮބްސް ކުރިއަށް ގެންގޮސްފައި ވަނީ އޭރު އޭނާ ދިރިއުޅެމުންދިޔަ ގޭގެ ގަރާޖު ތެރޭގަ އެވެ.

މިގެއަށް "ތާރީހީ ބިނާ" އެއްގެ ލަގަބު ލިބުމުން، މިގޭގެ ސްޓްރަކްޗަރަށް އެއްވެސް ބަދަލެއް ގެނެވޭނީ ސިލިކޮން ވެލީގެ ތާރީހީ ތަރިކައާ ބެހޭ ކޮމިޝަންގެ ހުއްދަ ހޯދުމަށް ފަހުގަ އެވެ.

ސްޓީވް ޖޮބްސްއާއި އޭނާގެ އޭރުގެ ބިޒްނަސް ޕާޓްނާ ސްޓީވް ވޮޒްނިއެކް އަދި އެޕަލްއިން އޭރު ގެންގުޅުނު މަދު މުއައްޒަފުން މިގޭގައި ފަރުމާކޮށްފައި ވަނީ އެޕަލްގެ އެޕަލްގެ އެންމެ ފުރަތަމަ ޕްރޮޑަކްޓް "އެޕަލް 1" އެވެ. މިއީ އެޕަލްއިން އޭރު ތައާރަފްކުރި ކޮމްޕިއުޓާ ސިސްޓަމެކެވެ.

ސްޓީވް ޖޮބްސް ދިރިއުޅުނު ގޭގެ ގަރާޖާއި ސިޓިންގް ރޫމްގައި ޖޮބްސް އަދި އޭނާގެ މުވައްޒަފުން ވަނީ 100 "އެޕަލް 1" ކޮމްޕިއުޓަރު އުފައްދާފަ އެވެ.

ކެލިފޯނިއާގެ ކޮމިޝަނާ ހަވާލާދީ ބީބީސީ އިން ބުނީ މިގޭގެ މިހާރުގެ ވެރި ފަރާތަކީ ސްޓީވް ޖޮބްސްގެ ދައްތައެއް ކަމަށާއި އެގޭގައި ދިރިއުޅެނީ ޖޮބްސްގެ ދޮން މަންމަ ކަމަށެވެ.

އެޕަލް ކުންފުނީގެ އުފެއްދުންތަކާ އެކު ޓެކް ދުނިޔެ އަށް ތާރީހީ ބޮޑު އިންގިލާބެއް ގެނައި ސްޓީވް ޖޮބްސް މަރުވެފައި ވަނީ އުމުރުން 56 އަހަރުގައި 2011 ވަނަ އަހަރުގަ އެވެ.