ރާމަﷲ (އޮކްޓޯބަރ 30): ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްޙައިގެ ވާހަކަތައް ފެށުމުގެ ގޮތުން މިދިޔަ ޖޫންމަހު އެއްބަސްވި އެއްބަސްވުމާ އެއްގޮތަށް މިނިވަންކުރުމަށް އިސްރާއީލުން ނިންމާފައިވާ ފަލަސްތީނުގެ 26 އަސީރުން ރޭ އިސްރާއީލުގެ ޖަލުތަކުން މިނިވަންކޮށްފި އެވެ.

މި 26 މީހުން މިހާރު ވަނީ ހުޅަނގުއައްސޭރީގެ ރާމﷲ އަށް އައިސްފަ އެވެ. ރާމަﷲ އިން އެމީހުންނަށް މަރްޙަބާ ދެންނެވީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި ފަލަސްތީނުގެ އިސްމަސްއޫލުވެރިންނެވެ. އިސްރާއީލު ބުނާގޮތުން މި 26 އަސީރުންގެ ތެރޭގައި ހިމެނެނީ އިސްރާއީލުގެ ޖަލުތަކުގައި ދިގުމުއްދަތެއް ހޭދަކޮށްފައިވާ ފަލަސްތީނުގެ ބައެއް އަސީރުންނާއި ބަލި ހާލަތުބޮޑު އަދި އުމުރުން ދުވަސްވީ ބައެއް އަސީރުންނެވެ.

މިއީ ސުލްޙައިގެ ވާހަކަތަކާބެހޭ އެއްބަސްވުމުގެ ފުރަތަމަ މަރްހަލާގެ ދަށުން މިނިވަންކުރި އަސީރުން ތަކެކެވެ. ސުލްޙައިގެ ވާހަކަތަކާބެހޭ އެއްބަސްވުމުގެ ފުރަތަމަ މަރްހަލާގެ ދަށުންވެސް އިސްރާއީލުން ފަލަސްތީނުގެ 26 އަސީރުން މިނިވަންކޮށްފައިވެއެވެ. މިއެއްބަސްވުމުގެ ދަށުން ހަތަރު މަރްހަލާއަކަށް ބަހާލައިގެން ފަލަސްތީނުގެ ޖުމްލަ 104 އަސީރުން މިނިވަން ކުރާނެކަން އިސްރާއީލުން ވަނީ ހާމަކޮށްފަ އެވެ.

ނަމަވެސް އިސްރާއީލުން އިއްޔެވެސްވަނީ ފަލަސްތީނުގެ އާންމުންގެ އެތަށްބަޔަކު ޣައްޒާއާއި ހުޅަނގު އައްސޭރީން ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ފަލަސްތީނުގެ ޕާލަމެންޓްގެ ދެމެންބަރަކުވެސް ހިމެނެ އެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރުމުގެ ސަބަބުން އިސްރާއީލުގެ ޖަލުގައި ފަލަސްތީނުގެ 10 ހާހަށްވުރެ ގިނަ އަސީރުން ވަރަށް އަނިޔާވެރި އަދި އިންސާނީ ހައްޤުތަކާ ޚިލަފު ޙާލަތުގައި ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުންނާއި ކަމާބެހޭ ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)