30 Oct 2013, 09:30
އަންނަ އަހަރަށް ލަފާކޮށް، 16.4 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބެޖެޓުގެ ޖުމްލަ އަދަދަކީ 16،410،803،668 ރުފިޔާ އެވެ.
މި އަހަރަށް ލަފާކޮށް މިދިޔަ އަހަރު ވެސް މަޖިލީހަށް ހުށަހެޅީ 16 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މަޖިލީހުން ވަނީ 15.3 ބިލިއަން ރުފިޔާ އަށް ބަޖެޓް ކުޑަކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބެޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގެ ރިކަރަންޓް ހަރަދުގެ ގޮތުގައި 12 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ރިކަރަންޓް ހަރަދަކީ މުޅި ބަޖެޓުގެ 73 ޕަސެންޓެވެ.
ރިކަރަންޓް ހަރަދުގެ ދެ ބައި ކުޅަ އެއްބައި ހަރަދު ކުރާނީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ދިނުމަށެވެ. ރިކަރަންޓް ހަރަދުގެ އަނެއް ބައި ހަރަދު ކުރާނީ ސަރުކާރުން އެހީ ދިނުމަށާއި ސަބްސިޓީ އާއި ލޯނުގެ އިންޓްރަސްޓް ދެއްކުމަށާއި އޮފީސް ހިންގުމުގެ ހަރަދަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަރުގެ ބެޖެޓްގެ 27 ޕަސެންޓް ހަރަދުވާނެ ކަމަށް ލަފާ ކުރަނީ ކެޕިޓަލް ހަރަދަށެވެ. ކެޕިޓަލް ހަރަދުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޕަބްލިކް ސެކްޓާ ޕްރޮގްރާމަށާއި ލޯނުތައް އަނބުރާ ދެއްކުމަށެވެ.
ޖިހާދު ވިދާޅުވީ އަންނަ އަހަރު ދައުލަތަށް ޖުމްލަ އާމްމަދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 13.9 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 10.2 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރާ 3.5 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އިތުރު ކުރުމަށް މަޖިލީހަށް ހުށަހަޅާ ކަންތައްތައް ފާސްވެ، ތަންފީޒުވެއްޖެ ނަމަ ދައުލަތަށް 2.3 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
އަންނަ އަހަރު އާމްދަނީ އިތުރު ކުރުމަށް ހަ ކަމެއް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވި އެވެ. އެއީ އިމްޕޯޓް ޑިއުޓީ ރިވައިސް ކުރުމާއި ޓީޖީއެސްޓީ އަށް ޕަސެންޓުން 12 ޕަސެންޓަށް ބޮޑު ކުރުމާއި މިއަހަރު ނިމުމުން އުވާލުމަށް ނިންމާފައިވާ ޓޫރިޒަމް ޓެކްސް އުވާ ނުލައި ކުރިއަށް ގެންދިއުމަށާއި އެއާޕޯޓް ސާވިސް ޖާޖުގެ ގޮތުގައި ބޭރު މީހުންގެ އަތުން ނަގަމުން ގެންދާ 18.5 ޑޮލަރު، 25 ޑޮލަރަށް ބޮޑު ކުރުމަށާއި ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށް 12 ރަށެއް ކުއްޔަން ދިނުމާއި މުވާސަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނަގަން ފެށުމެވެ.
އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް މިއަދު މަޖިލީހަށް ހުށަހެޅި ހަ ކަންތައްތަކަކީ މިދިޔަ އަހަރު ވެސް މަޖިލީހަށް ހުށަހެޅި ކަންތައްތަކެވެ. ނަމަވެސް މަޖިލީހުން އެކަންތައްތައް ފާހެއް ނުކުރެ އެވެ.
އަންނަ އަހަރުގެ ބަޖެޓް ދަރަނި މި އަހަރުގެ ބަޖެޓް ދަރަންޏަށް ވުރެ 41 ޕަސެންޓަށް ކުޑަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ޖިހާދު ވިދަޅުވި ގޮތުގައި އަންނަ އަހަރުގެ ބެޖެޓް ދަރަނި އަރާނެ ކަމށް ލަފާކުރެވެނީ 988 މިލިއަން ރުފިޔާ އަށެވެ. މި އަހަރުގެ ބެޖެޓް ދަރަނި 1.7 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފަ އެވެ.
އަންނަ އަހަރުގެ ބަޖެޓް ދަރަނި ފޫބެއްދުމަށް ހަމަޖެހިފައި ވަނީ ބޭރުގެ ފަރާތްތަކުން ލިބޭނެ ކަމަށް ލަފާކުރާ 732 މިލިއަން ރުފިޔާ އިންނާއި ޑޮމެސްޓިކް ފައިނޭންސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 256 މިލިއަން ރުފިޔާ އިންނެވެ.
އަންނަ އަހަރުގެ ބެޖެޓްގައި ތައުލީމީ ދާއިރާ އަށް 2.2 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ބެޖެޓްކޮށްފައިވާ އިރު، ސިއްހީ ދާއިރާ އަށް 1.7 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ. ސޯޝަލް ސެކިއުރިޓީއަށާއި ވެލްފެއާ އަށް އަންނަ އަހަރުގެ ބެޖެޓްގައި 2.2 ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު، އަތޮޅުތަކަށް ފަސް ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ބެޖެޓްކޮށްފައިވެ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ 16.4 ބިލިއަން ރުފިޔާގެ ބަޖެޓްގައި ޕަބްލިކް ސެކްޓާ އިންވެސްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށް މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ޖިހާދު މިއަދު ވިދާޅުވި އެވެ.
އަތޮޅުތަކަށް 1.9 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިމަނާފައިވާ އިރު، ބަނދަރާއި ފެނާއި ނަރުދަމާ އާއި ގޮނޑުދޮއް ހިމާޔަތް ކުރުމަށް 923 މިލިއަން ރުފިޔާ ހިމެނިފައިވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ. އެގޮތުން ބޭރުގެ ލޯން އެހީގެ ދަށުން 10 ރަށެއްގައި ބަނދަރު ހެދުމަށް ނިންމާފައިވާއިރު، 36 ރަށެއްގައި މިހާރު ކުރިއަށްދާ ބަނދަރާއި ނެރު ފުން ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު ކުރިއަށް ގެންދިއުން ނިންމާފައިވެ އެވެ. އަދި 23 ރަށެއްގެ ނަރުދަމާ ގާއިމް ކުރުމަށާއި ހަ ރަށެއްގައި ބޯ ފެނުގެ ނިޒާމް ގާއިމް ކުރުން ބަޖެޓްކޮށްފައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ބޯހިޔާވަހި ކަމަށް 832 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި 25 ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށް ބަޖެޓްކޮށްފައިވާ އިރު، ތައުލީމާއި ސިއްހަތާއި ކުޅިވަރާ ގުޅޭ ޕީއެސްއައިޕީގެ ޕްރޮގްރާމްތަކަށް 357 މިލިއަން ބަޖެޓްކޮށްފައިވެ އެވެ.