ސީ ޕްލޭންގެ ހިދުމަތަކީ ރާއްޖޭގެ އިގްތިސާދާ ގުޅިފައިވާ ވަރަށް މުހިންމު ވިޔަފާރި އެކެވެ. މިހާތަނަށް ރާއްޖޭގައި އެ ހިދުމަތް ދެމުން އައީ ބޭރުގެ ބަޔަކާއި ދިވެހި ވިޔަފާރިވެރިންތަކެއް ގުޅިގެންނެވެ. ނަމަވެސް ސީ ޕްލޭންގެ ހިދުމަތް ދެމުން އައި މޯލްޑިވިއަން އެއާ ޓެކްސީ އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ހިއްސާގެ ބޮޑުބައެއް އެމެރިކާ ބްލެކް ސްޓޯން ކުންފުނިން މި އަހަރުގެ ކުރީކޮޅު ގަތުމަށް ފަހު މުޅި ސީޕްލޭން ވިޔަފާރި މިހާރު ކޮންޓްރޯލްކުރަނީ އެންމެ ފަރާތަކުންނެވެ.

އެމެރިކާގެ ބިޔަ އިންވެސްޓްމަންޓް ކުންފުނިން ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަން ކޮންޓްރޯލްކުރުމާ އެކު ޓޫރިޒަމް އިންޑަސްޓްރީގެ އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނީ ދެ ކުންފުނި އެއްކޮށްލުމަށް ފަހު ކުރިން ހިދުމަތް ދެމުން ގެންދިޔަ އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންޑަސްޓްރީ އަށް ނޭދެވޭ އަސަރު ކުރާ ކަމަށް ވެސް ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވެ އެވެ.

"އަޅުގަނޑުމެންނަށް މިހާރު އިތުރު ގޮތެއް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑުމެން ދެކޭ ގޮތުގައި ރާއްޖެ ކަހަލަ ތަނެއްގައި މަދުވެގެން ދެ އޮޕަރޭޓަރުން އަބަދުވެސް ތިބެންވާނެ. ބްލެކް ސްޓޯން އިން ސީޕްލޭންގެ ހިދުމަތްދޭ ދެ ކުންފުނީގެ ހިއްސާ ގަތުމަށް ފަހު ވަނީ އަގުތަކަށް ވެސް ބަދަލު ގެނެސްފައި. އެކަމުގެ ޝަކުވާ ބައެއް ޓޫރިސްޓުން ވެސް ކުރަމުންދޭ،" ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ސީ ޕްލޭންގެ ހިދުމަތް ދެމުން އަންނަ ދެ ކުންފުނިން އެއްކޮލުމުން ޓޫރިޒަމް އިންޑަސްޓްރީގެ އެކި ފަރާތްތަކުން ދަނީ އިތުރު ބަޔަކު އަންނާނެ ކަމަށް އިންތިޒާރުކުރަމުންނެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖޭގައި އެ ހިދުމަތް އިތުރު ބަޔަކަށް ކުރެވިދާނެ އެވެ.

"ރާއްޖޭގެ ޓޫރިޒަމް މިއަންނަނީ ވަރަށް ބޮޑަށް ފުޅާވަމުން. ޓީއެމްއޭ އަށް ވެސް ހުރިހާ ރިސޯޓަކަށް ދަތުރުކުރުމަކީ އެހާ ފަސޭހަކަމަށްނުވާނެ. އެހެންވީމާ އިތުރު ފަރާތަކަށް އެ ޗާންސް އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ދާދިފަހުން ރާއްޖޭގެ ގައުމީ އެއާލައިނުން ވަނީ ސީ ޕްލޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފަ އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ސީ ޕްލޭންގެ ހިދުމަތް ފެށުމަށް ޓްވިން އޮޓާ މަރުކާގެ އެއް ބޯޓު މި އަހަރުގެ ތެރޭގައި ގެނެސް ދަތުރުތައް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން ދެކެނީ ސީ ޕްލޭންގެ ހިދުމަތް ދިނުމަށް އެންމެ ބަޔަކު އޮތުމަކީ އެހާ ރަނގަޅުކަމެއް ނޫން ކަމަށް. ސަބަބަކީ ހިދުމަތުގެ އަގު ބޮޑުކުރިޔަސް ނުވަތަ ހިދުމަތް ހުއްޓާލިއަސް އޭރުން ކުރެވޭނެ ކަމެއް ނޯންނާނެ. އަޅުގަނޑު ދެކޭ ގޮތުގައި ނެޝަނަލް ކެރިއާއިން އެބަ ޖެހޭ އެކަން ކުރަން. އަދި އެ ހިދުމަތް ވާދަވެރި މާހައުލެއްގައި ފަށަން،" އޭނާ ވިދާޅުވި އެވެ.

ހާރިސް ދެކެވަޑައިގަންނަވާ ގޮތުގައި އެ ކުންފުނިން ސީ ޕްލޭންގެ ހިދުމަތް ދޭން ފެށުމުން އެ ކުންފުންޏަށް ލިބޭ ބޭރު ފައިސާގެ އަދަދު އިތުރުވެގެންދާނެ އެވެ. އަދި އެ ހިދުމަތް އަބަދުވެސް ލިބޭނެ ކަމުގެ ޔަގީންކަން އިންޑަސްޓްރީގެ ފަރާތްތަކަށް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިބަލަނީ ފުރަތަމަ އެއް ބޯޓުން ފަށައިގަންނަން. އޭގެ ފަހުން ފްލީޓް މަޑުމަޑުން ފުޅާކުރާނީ. އެކަމަށް އަޅުގަނޑުމެން މިހާރު ވަނީ މަސައްކަތް ފަށާފައި،" ހާރިސް ވިދާޅުވި އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި މި ހިދުމަތުގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ހިތްހަމަޖެހި އަދި އިންޑަސްޓްރީ އަށް ކުރިއެރުން އަންނާނެ."

އޭނާ ވިދާޅުވީ އެ ކުންފުނިން ބޭނުން ވަނީ ވާދަވެރި މާހައުލެއްގައި ސީޕްލޭންގެ ހިދުމަތް އެކަށީގެންވާ ރަނގަޅު އަގެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން ބޮޑަށް ޓާގެޓްކުރާނީ ޓޫރިސްޓުންނަށް. އެއީ މި ހިދުމަތް މިހާރު ގިނައިން ބޭނުންކުރަނީ އެ މީހުން ކަމަށްވާތީ. އަޅުގަނޑުމެން ބަލާނަން ދެ ފަރާތުން ވެސް އެއްބަސްވާ ރަނގަޅު އަގެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް،" ހާރިސް ވިދާޅުވި އެވެ.

މޯލްޑިވިއަނުން ވަނީ ސީ ޕްލޭންގެ ހިދުމަތް ފެށުމަށް ހުޅުލޭގެ އިރުދެކުނު ސަރަހައްދުން 1،400 އަކަމީޓަރުގެ ބިމެއް ހޯދައިފަ އެވެ. އަދި އެ ސަރަހައްދުގައި ފްލޯޓިން ޖެޓީއާއި ޓާމިނަލް ހެދުމަށް ޑިޒައިންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެ ކުންފުނިން ވަނީ 16 ގޮނޑީގެ ބޯޓެއް އަންނަ ޑިސެމްބަރު މަހު ގެންނަން ނިންމައިފަ އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ޑިސެމްބަރު މަހު ދަތުރުތައް ފެށުން. އެކަމަށް ބޭނުންވާ މުވައްޒަފުން ވެސް ވަރަށް އަވަހަށް ހޯދަން އިއުލާންކުރާނަން،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަނުން މިހާތަނަށް ކުރަމުން އަންނަނީ ވީލް ބޭސްޑް އޮޕަރޭޝަނެކެވެ. އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި ކަނޑަށް ޖައްސާ ބޯޓުގެ ހިދުމަތް ކާމިޔާބުކަމާ އެކު ކުރުމުގެ ފުރުސަތު އެބައޮތެވެ. އެ ހިދުމަތާއެކު އެ ކުންފުނީގެ "ވަރަ" ފުޅާކުރަން ދަނީ ތައްޔާރުވަމުންނެވެ.