29 Oct 2013, 23:26
ރާއްޖެ ޓީވީ އަށް ދެވަނަ ފަހަރަށް ހަމަލާ ދިނުމަށް ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ރާއްޖެ ޓީވީ އަށް އިތުބާރު ހުރި ގޮތެއްގައި ލިބިފައިވާ ކަމަށް ސިޓީއަކުން އަންގާފައިވާތީ އެފަދަ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރުމަށް ފުލުހުން ރާއްޖެ ޓީވީގައި އެދިއްޖެ އެވެ.
ފުލުހުން ބުނީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރު އޮފް ޕޮލިސް އަޒީމް ވަހީދު ސޮއިކުރައްވައި ރާއްޖެ ޓީވީގެ ސީއީއޯ އަކްރަމް ކަމާލުއްދީނަށް ފޮނުވި ސިޓީގައި ރާއްޖެ ޓީވީ އަށް ގެއްލުންދިން މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަމުންދާތީ އެ މައްސަލައާއި ގުޅިގެން އެފަރާތަށް ލިބިފައިވާ މަޢުލޫމާތު ތަހުގީގަށް ބޭނުންވާ ކަމަށް އެދިފައިވާނެ ކަމަށެވެ.
"މީގެ އިތުރުން އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖެ ޓީވީ އަށް ހަމަލާދިން މައްސަލަ ތަހުގީގުކޮށް އެކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އެކަމާއި ގުޅޭގޮތުން ރާއްޖެ ޓީވީއަށް ލިބިފައިވާ މައުލޫމާތުތައް ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ހިއްސާކޮށްދެއްވުމަށް ވެސް އެދިފައިވޭ. އަދި މިމައްސަލާގައި ގުޅުއްވާނެ ދެ ފުލުހެއްގެ ރޭންކާއި ނަމާއި ފޯނު ނަމްބަރު ވެސް ވަނީ ރާއްޖެ ޓީވީ އަށް އަންގާފައި،" ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ ޓީވީއަށް ހަމަލާދޭން ރާވާފައިވާކަމަށް އިތުބާރުހުރި ގޮތެއްގައި މަޢުލޫމާތު ލިބިފައިވާކަން ބަޔާންކޮށް ފުލުހުންގެ ސެކިއުރިޓީއަށް އެދި މިއަދު ފޮނުވި ސިޓީއަށް ވެސް ފުލުހުން ޖަވާބުދީފައިވާ ކަމަށެވެ.
"ރާއްޖެ ޓީވީން ފޮނުވި ސިޓީގެ ޖަވާބުގައި ފުލުހުން ބަޔާންކޮށްފައި ވަނީ ވަކިވަކި ތަންތަނުގެ ސެކިއުރިޓީ އަށް މީހުން ބައިތިއްބައިގެން އެފަދަން ތަންތަން ބެލެހެއްޓުމުގައި ދަތިތަކެއް ހުރިނަމަވެސް ހާއްސަ ސަމާލުކަމެއް ދީގެން އެ ޓީވީ ހުންނަ އިމާރާތާއި އެސަރަހައްދު ބަލަހައްޓަމުން ގެންދާނެ ކަމަށް. އެހެން ނަމަވެސް ފުލުހުން މިގޮތަށް ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ނަމަވެސް އިމާރާތްތައް ބެލެހެއްޓުމަށް ޕްރައިވެޓް ސެކިއުރިޓީން ބޭތިއްބުމަކީ ވަރަށް ބޮޑަށް ފެންނަކަމެއް ކަމަށް." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ ރާއްޖެ ޓީވީއަށް ބަޔަކު ހަމަލާދިން ފަހުން އެ ޓީވީ ސްޓޭޝަން ހުންނަ އިމާރާތުގެ ސެކިއުރިޓީ 24 ގަޑިއިރު ފުލުހުން ދަނީ ސްޓެޓިކްކޮށް ބަލަހައްޓަމުން އަންނަ ކަމަށެވެ.