29 Oct 2013, 23:01
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލާން ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން އިނގިލީގެ ނިޝާން ސައްހަކަން ދެނެގަތުމަށް ހުށަހެޅި 350 ފޯމުގެ ސައްހަތޯ ބަލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ފުލުހުންނަށް ހުށަހެޅި 350 ފޯމު ސައްހަކަން ދެނެގަތުމުގެ މަސައްކަތް ކޮށްފައިވަނީ ކަމުގެ ތަޖުރިބާކާރުން ކަމަށެވެ. އަދި އެ ފޯމުތަކުގެ ސައްހަކަން ދެނެގަތުމަށް ފުލުހުން ތިން ގަޑިއިރަށްވުރެ ގިނަ ވަގުތު ވަނީ ހޭދަކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ފޯމުތަކުގެ ސައްހަކަން ބެލުމަށްފަހު އެ ނަތީޖާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ރެޖިސްޓްރޭޝަނަށް ކަމަށެވެ.
ފުލުހުން ބުނީ ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމްތަކުގައި ޖަހާފައިވާ އިނގިލީގެ ނިޝާން ޝައްހަތޯ ބެލުމަށް މިނެޓަކު ފަސް އިނގިލީގެ ނިޝާން ޗެކްކުރުމުގެ ގާބިލްކަން މިހާރު ލިބިފައިވާ ކަމަށެވެ.
ފުލުހުން އެންމެ ފުރަތަމަ ބުނެފައި ވަނީ ރީ ރެޖިސްޓްރޭޝަނަށް ހުށަހަޅަފައިވާ ފޯމްތަކުގައިވާ އިނގިލީގެ ނިޝާންތަކުގެ ތެރެއިން ފުލުހުންގެ ސިސްޓަމްތަކުގައި މިހާރު ހުރި ފިންގާ ޕްރިންޓްތައް ކަށަވަރުކުރުމަށް ތިން މިނެޓް ބޭނުންވާ އިރު އެހެން ފަރާތްތަކުގެ ފިންގާ ޕްރިންޓްތައް ކަށަވަރުކުރަން ފަސް މިނެޓް ބޭނުންވާނެ ކަމަށެވެ.
ފުލުހުން ބުނީ ރީ ރެޖިސްޓްރޭޝަނާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހުށަހަޅާ ފޯމްތަކުގައިވާ އިންގިލީގެ ނިޝާންތައް ޝައްހަތޯ ބެލުމުގެ ގާބިލްކަން އިތުރުކުރީ މެނުއަލްކޮށް ވެސް އެކަންތައް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިގެން ކަމަށެވެ. އަދި އިނގިލީގެ ނިޝާން ޝައްހަތޯ ބެލުމުގައި ބަލާނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް އިން ރީ ރެޖިސްޓްރޭޝަން ފޯމްގައިވާ އިނގިލީގެ ނިޝާން ދިމާވޭތޯ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް އިން ބުނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް 71،000 މީހުން މީހުން މިފަހަރު ރީ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މިދިޔަ ފަހަރު ރީ ރަޖިސްޓްރީކޮށްފައި ވަނީ 62،000 މީހުންނެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އެކުލަވާލައިފައިވާ ކަލަންޑަރުގައިވާ ގޮތުގައި ރީ ރަޖިސްޓްރޭޝަން ފޯމްތަކުގައިވާ ފިންގާ ޕްރިންޓް ޑީއެންއާރަށް ފޮނުވައިގެން ވެރިފައި ކުރުމަށް ނިންމާފައި ވަނީ ނޮވެމްބަރު 3 ވާ އާދިއްތަ ދުވަހު އެވެ.