ގައުމީ އެއާލައިން މޯލްޑިވިއަނުން ސީ ޕްލޭންގެ ހިދުމަތް ފެށުމަށް 16 ގޮނޑީގެ ބޯޓެއް އަންނަ ޑިސެމްބަރު މަހު ގެންނާނެ ކަމަށް ބުނެފި އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ސަންއާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ސީ ޕްލޭންގެ ހިދުމަތް ފެށުމަށް ޓްވިން އޮޓާ މަރުކާގެ އެއް ބޯޓު މިއަހަރުގެ ތެރޭގައި ގެނެސް ދަތުރުތައް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން ދެކެނީ ސީ ޕްލޭންގެ ހިދުމަތް ދިނުމަށް އެންމެ ބަޔަކު އޮތުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް. ސަބަބަކީ ހިދުމަތުގެ އަގު ބޮޑުކުރިޔަސް ނުވަތަ ހިދުމަތް ހުއްޓިލިއަސް އޭރުން ކުރެވޭނެ ކަމެއް ނޯންނާނެ. އަޅުގަނޑު ދެކޭ ގޮތުގައި ނެޝަނަލް ކެރިއާއިން އެބަ ޖެހޭ އެކަން ކުރަން. އަދި އެ ހިދުމަތް ވާދަވެރި މާހައުލެއްގައި ފަށަން،" އޭނާ ވިދާޅުވި އެވެ.

ހާރިސް ވިދާޅުވީ އެ ކުންފުނިން ފުރަތަމަ ހިދުމަތް ފަށާނީ އެންމެ ބޯޓަކުން ކަމަށެވެ.

"ފްލީޓް މަޑުމަޑުން ފުޅާކުރާނީ. އެކަމަށް އަޅުގަނޑުމެން މިހާރު ވަނީ މަސައްކަތް ފަށާފައި. އަޅުގަނޑު ދެކޭ ގޮތުގައި މި ހިދުމަތުގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ހިތްހަމަޖެހި އަދި އިންޑަސްޓްރީއަށް ކުރިއެރުން އަންނާނެ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޮޑަށް ޓާގެޓްކުރާނީ ޓޫރިސްޓުންނަށް. އެއީ މި ހިދުމަތް މިހާރު ގިނައިން ބޭނުންކުރަނީ އެ މީހުން ކަމަށްވާތީ. އަޅުގަނޑުމެން ބަލާނަން ދެ ފަރާތުން ވެސް އެއްބަސްވާ ރަނގަޅު އަގެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް."

ހާރިސް ވިދާޅުވީ ސީ ޕްލޭންގެ ހިދުމަތް ފެށުމަށް ހުޅުލޭގެ އިރުދެކުނު ސަރަހައްދުން 1،400 އަކަމީޓަރުގެ ބިމެއް އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފްލޯޓިން ޖެޓީއާއި ޓާމިނަލް ހެދުމަށް ޑިޒައިންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ޑިސެމްބަރު މަހު ދަތުރުތައް ފެށުން. އެކަމަށް ބޭނުންވާ މުވައްޒަފުން ވެސް ވަރަށް އަވަހަށް ހޯދަން އިއުލާންކުރާނަން،" ހާރިސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ސީ ޕްލޭންގެ ހިދުމަތް ދެމުން އައި ދެ ކުންފުނީގެ ހިއްސާގެ ބޮޑު ބައެއް އެމެރިކާގެ ބްލެކް ސްޓޯން ކުންފުނިން މިއަހަރުގެ ކުރީ ކޮޅު ގަނެ، ދެ ކުންފުނި ވަނީ އެއްކޮށްލައިފަ އެވެ.