އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ދެއްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ފުވާދު ވިދާޅުވީ އިންތިޚާބު ބޭއްވުމަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ދެއްވުމަށް ފަހު އެބޭފުޅުން ވެސް ކޮމިޝަނަށް ކަންތައްތަކެއް ހުށަހެޅުއްވި ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކާ އެއްގޮތަށް އިންތިޚާބުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ހުރިހާ ކެންޑިޑޭޓުން އެދިވަޑައިގެންފައިވާ ކަމަށެވެ.

ފުވާދު ވިދާޅުވީ ކެންޑިޑޭޓުން އެދިވަޑައިގެންފައިވާފަދައިން އިންތިޚާބުގެ ކަންތައް ކުރިއަށްގެންދާނީ ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

ހުރިހާ ގައިޑުލައިންތަކުގައި ހުރި ކަންތައް ފުރިހަމަކުރެވޭނީ ދައުލަތުގެ މުއައްސަސާތަކާއި ކެންޑިޑޭޓުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ލިބިގެންކަމަށާއި އެ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.

މިހާރު އިއުލާންކޮށްފައިވާ ތާރީޚުގައި ފުރަތަމަ ބުރު ބޭއްވިދާނެ ކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަވާތީ އެކަމާ ގުޅޭގޮތުން ފުވާދު ވިދާޅުވީ އިންތިޚާބާ ގުޅޭގޮތުން ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ކަނޑައެޅިފައިވާގޮތަށް އިންތިޚާބު ބޭއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން އިރާދަކުރެއްވިއްޔާ މިފަހަރު އިންތިޚާބު ބޭއްވޭނެ،" ފުވާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޭޝަނަލް ސެންޓަފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ސާވާއަށް ދިމާވެފައިވާ މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެއްވެސް ބަޔަކަށް ސާވާއަށް ވަނުމުގެ ފުރުސަތު މިހާރު ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.