29 Oct 2013, 21:22
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ނަސީމް މަގާމުން ވަކިކުރަން ރައީސް މުހައްމަދު ވަހީދު ޕްރައިވެޓައިޒޭޝަން ބޯޑަށް ހުށަހަޅުއްވައިފި އެވެ.
އެ ބޯޑުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޕޯސްޓް ލިމިޓެޑް މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ނަސީމް މަގާމުން ވަކިކުރުމަށް އެދި ރައީސް އޮފީހުން ފޮނުވި ސިޓީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރަން ބޭނުންވާ ސަބަބެއް އެ ބޯޑުން ހާމައެއް ނުކުރެ އެވެ.
"ބޯޑުގެ ދެން އޮންނަ ބައްދަލުވުމަކަށް އެ މައްސަލަ ހުށަހަޅާ ގޮތަށް ވަނީ ހަމަޖެހިފައި. އަދި އެ ބޯޑުން މަޝްވަރާކުރުމަށްފަހު އޭނާ މަގާމުން ވަކިކުރާނީ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ބަދުރުއްދީން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުން އަންނަ ބުރާސްފަތި ދުވަހު އޮންނަ ޖަލްސާގައި ނިންމާނެ ކަމަށެވެ.
ޕްރައިވެޓައިޒޭޝަން ގާނޫނުގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ބޯޑު މެމްބަރަކު މަގާމުން ވަކިކޮށް ނުވަތަ މަގާމަށް އައްޔަންކުރަން ޖެހޭނީ ރައީސް ފޮނުއްވާ ނަންތަކެއް ޕްރައިވެޓައިޒޭޝަން ބޯޑަށް ހުށަހަޅައިގެންނެވެ.
ބަދުރުއްދީން މަގާމުން ވަކިކުރަން ހުށަހެޅިއިރު އެ ކުންފުނީގެ ޗެއާމަން ކެލާ އަހުމަދު ނިޒާމް ވަނީ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭނާ އެ މަގާމުން ވަކިވެވަޑައިގެންނެވުމާ ގުޅިގެން އެ ކުންފުނީގެ ކުރީގެ އެމްޑީ އަހުމަދު ޝަފީގު ވަނީ އައްޔަންކޮށްފަ އެވެ.