އެއްވެސް ސިޔާސީ ވިސްނުމެއް އަދި ތަފާތު ކުރުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުންނާއި އިމްތިޔާޒުތަކާ ބެހޭ ގާނޫނުގެ ދަށުން ލިބިދޭން ޖެހޭ އެންމެހާ ހައްގުތައް ރައްކާތެރި ކޮށްދޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުން މިހެން ބުނެފައިވަނީ މަޖިލީސް އިދާރާގެ ތެރޭގައި ކޯޓުތަކަށް ފިލައިގެން އުޅޭ މީހުންނަށް ރައްކާތެރިކަންދީ ކޯޓުގެ ހުރުމަތް ކަނޑައި ޖިނާއީ ކުށްކުރާ މީހުން ފިލުވުމަށް މަޖިލީހުގެ ރައީސް މަޖިލިސް ހުޅުވާލާފައިވާ ކަމަށާއި އެއީ ޖިނާއީ ކުށެއް ކަމަށް މިއަދު މަޖިލީހުން ފާސްކޮށްގެން މަގާމުން ދުރުކޮށްފައިވާ ކުރީގެ ބަންޑާރަ ނައިބު ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގަ އެވެ.

" މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ލިބިދޭ އެންމެހައި ހައްގުތަކާއި އިމްތިޔާޒުތަކަށް އުނިކަމެއް އަޔަނުދީ، އެ ހައްގުތަކާއި އިމްތިޔާޒުތައް ރައްކާތެރި ކޮށްދޭނެކަމުގެ ކަމުގެ ޔަގީންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރުވަމެވެ،" އެ ނޫސްބަޔާނުގައިވެ އެވެ.

މަޖިލީހަކީ އެއްވެސް އިރެއްގައި ކުށްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދީފައިވާ ތަނެއް ނޫން ކަމަށާއި މިއަދުވެސް މަޖިލީހުގެ ތެރޭގައި އެއްވެސް ކުށްވެރިއަކަށް އެއްވެސް ހިމާޔަތެއް ނުވަތަ ރައްކާތެރިކަމެއް ފޯރުކޮށްދެމުން ނުދާ ކަމަށް މަޖިލީހުން ބުނެފައިވެ އެވެ. ނަމަވެސް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްގަފޫރު ބޭނުން ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޖިލީހުގެ މެންބަރަކަށް ލިބިދޭ އިމްތިޔާޒެއް ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަކަށް ހުރަސްއެޅޭފަދަ ގޮތަށް ޝަރުއީ ކޯޓަކަށް ނުވަތަ އެހެން ވެސް މުއައްސަސާއަކަށް މެންބަރަކު ހާޒިރުކޮށްގެންނުވާނެ ކަމަށް މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެ އެވެ.