ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކަށުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް އަންނަ ބުރާސްފަތި ދުވަހު ހާމިދު ހާޒިރުނުވެއްޖެ ނަމަ އޭނާގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމާނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު އިއުލާނުގައި ވަނީ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ހާމިދު ހާޒިރުކުރަން ބެލިއިރު ދީފައިވާ އެޑްރެހުގައި ނޫޅުމުގެ ސަބަބުން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ދަންނަވައިގެން ވެސް ކޯޓަށް ހާޒިރުކުރެވިފައިނުވާ ކަމަށެވެ.

ހާމިދު ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް ދެ ފަހަރު އަމުރު ނެރުމުން ވެސް ރައްޔިތުންގެ މަޖިލީހުގައި އަމިއްލައަށް ބަންދުވެގެން ހުންނެވުމުގެ ސަބަބުން އޭނާ ކޯޓަށް ހާޒިރުކުރެވިފައެއްނުވެ އެވެ.

އެ ކޯޓުން ނެރުނު އިއުލާންގައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ 13:00 އަށް ހާމިދު ކޯޓަށް ހާޒިރުވުމަށް އަންގަވާފަ އެވެ.

”31 އޮކްޓޯބަރު 2013 ދުވަހުގެ 13:00 އަށް މިކޯޓަށް ހާޟިރުވުމަށް ހ.ޝޭޑީ ކޯނަރު ހާމިދު އަބްދުލްޣަފޫރަށް އަންގަމެވެ. އަދި ދީފައިވާ ތާރީހާއި ގަޑިއަށް ހާމިދު އަބްދުލް ޣަފޫރު ކޯޓަށް ހާޟިރު ނުވެއްޖެނަމަ ކޯޓަށް މީހުން ހާޟިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން ހާމިދު އަބްދުލްޣަފޫރުގެ ޣައިރު ހާޟިރުގައި މަތީގައި ދެންނެވިފައިވާ މައްސަލަ ހިންގާ ނިންމޭނެކަން ވެސް ހާމިދު އަބްދުލްޣަފޫރަށް އަންގަމެވެ،” ކްރިމިނަލް ކޯޓުން ކުރި އިއުލާންގައިވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި ހާމިދާއި އިތުރު ބަޔަކު މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން އެންގުމުން އޭނާ އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ދައުލަތުން ކުރި ދައުވާގައި ވަނީ ބުނެފަ އެވެ.