އިންޑިއަން ހައިކޮމިޝަނަރުގެ ކާރުކޮޅަށް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ދިން ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އެ ހައިކޮމިޝަނުން ބުނެފި އެވެ.

އިންޑިއަން ހައިކޮމިޝަނުން މިއަދު ބުނެފައިވަނީ، އިއްޔެ ހަވީރު 6:50 ކަންހާއިރު ހައިކޮމިޝަން ކުރިމަތީގައި ހައިކޮމިޝަނަރުގެ ކާރުކޮޅު ބާއްވާފައި އޮއްވައި ބަޔަކު މީހުން ދަގަނޑު އެއްޗަކުން ކާރުކޮޅަށް ހަމަލާދީ ފަހަތު ބިއްލޫރިގަނޑު ތަޅާލުމަށްފަހު ފުލުހުންނާއި މަގުތީގައި ތިބި ގިނަ ބައެއްގެ ކުރިމަތީގައި ދުވެ ފިލާފައިވާ ކަމަށެވެ.

"މަގުމަތީގައި އެވަގުތު ތިބި ގިނަ ބަޔަކާއި އަދި ފުލުހުންގެ މީހަކަށް ވެސް އެ ހަމަލާދިން މަންޒަރު ފެނިފައި ވާނީ. އެކަމަކު ވެސް އަޅާލައިފައެއް ނުވޭ. އެކަމުން އެނގިގެން އެބަދޭ އެ ހަމަލާ ދީފައި ވަނީ އުފެދިފައިވާ ރުޅިވެރިކަމެއްގެ ސަބަބުން ގަސްތުގައި ކާރަށް ގެއްލުން ދިނުމާއި އަދި އެ ކާރު އޭގެ ވެރިފަރާތަށް ވެސް އަމާޒު ކޮށްގެން ކަމަށް،" ހައިކޮމިޝަނުން ބުނެފައިވެ އެވެ.

ހައިކޮމިޝަނުން ބުނެފައިވަނީ، ކާރުކޮޅަށް ހަމަލާ ދިނުމުގެ ކުޑަ އިރުކޮޅެއް ކުރިން ހައިކޮމިޝަނަރު އެ ކާރުކޮޅުގެ ތެރޭގައި އިންނެވި ކަމަށާއި މިފަދަ އަމަލުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރަން، އެ ހަމަލާ ދިން މީހުންނާއި އަދި އެކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދައި އިންސާފުގެ ކުރިމަށްޗަށް ގެންނާނެ ކަމަށް. އަދި މި ހަމަލާއާ ގުޅިގެން ފާހަގަ ކޮށްލަން، މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ހައިކޮމިޝަންގެ އޮފިޝަލެއްގެ އަނބިމީހާއަށް ވެސް ހަމަލާ ދީފައިވާކަން އަދި މިހާތަނަށް ވެސް އެ މައްސަލަ ވެސް ވަނީ ނުނިމި،" އިންޑިއަން ހައިކޮމިޝަނުން ބުންޏެވެ.

އިންޑިއާ ހައިކޮމިޝަނުން އިތުރަށް ބުނެފައިވަނީ، އެ ހަމަލާ ކުށްވެރިކޮށް ދިވެހި ސަރުކާރުންނާއި އަދި ރާއްޖޭގެ އެހެނިހެން ކަންކޮޅުތަކުން ފާޅުކޮށްފައިވާ ހަމްދަރުދީގެ ޝުއޫރުތަކަށް ޝުކުރުއަދާ ކުރާކަމަށެވެ. އެ ފަރާތްތަކުގެ ތެރޭގައި ރައީސް އޮފީހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދި ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ނަންފުޅު ފާހަގަ ކުރައްވާފައިވެ އެވެ.