29 Oct 2013, 17:19
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްލާމް ދީނުގެ ހުކުމްތަކާ ދެކޮޅަށް ދައްކަވާފައިވާ ވާހަކަތަކަށް ތައުބާވުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ނަޝީދަށް ގޮވާލައްވައިފި އެވެ.
ދީނީ އިލްމުވެރިން މިކަމަށް އެދި ގޮވާލައްވާފައި ވަނީ "ރައީސް ނަޝީދާ މެދު ދީނީ އިލްމުވެރިންގެ ބަސް" މިނަމުގައި ނެރެފައިވާ ފޮތެއްގަ އެވެ. އެ ފޮތުގައި އެ ބޭފުޅުން ވިދާޅުވެފައި ވަނީ "އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އިސްލާމް ދީނާ ހިލާފަށް ކުރައްވާފައިވާ މި އަމަލުތަކަށް އިންކާރުކޮށް، އޭނާ މި ކަންތައްތަކުން އެއްކިބާވެ، ހައްގުގެ މަގަށް ރުޖޫއަވުމަށް" އިލްތިމާސް ކުރައްވާ ކަމަށެވެ.
"އިސްލާމް ދީނުގެ ހުކުމްތަކާ މެދު އެ މަނިކުފާނުގެ އަގީދާ އިސްލާހު ކުރުމަށާއި މާތް ﷲ އަށް ބިރުވެތިވެ، އަވަހަށް ތައުބާވުމަށް އެދި އިލްތިމާސްކޮށް، އެ މަނިކުފާނަށް ގޮވާލަމެވެ،" މޯލްޑިވްސް ސޮސައިޓީ ފޯ އިސްލާމިކް ރިސާޗުން އެކުލަވާލި 48 ސަފުހާގެ ފޮތުގައިވެ އެވެ.
ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން 64 އިލްމުވެރިއެއްގެ ބަސް ހިމެނޭ ގޮތަށް ޝާއިއުކޮށްފައިވާ އެ ފޮތުގައި ނަޝީދުގެ ވެރިކަމުގެ ދުވަސް ވަރު އިސްލާމްދީނުގެ ހުކުމްތަކާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާ ހިލާފަށް ކުރައްވަމުން ގެންދެވި ކަންކަމުގެ ވާހަކަތައް ވަރަށް ތަފުސީލްކޮށް ލިޔެފައިވެ އެވެ.
ދީނީ އިލްމުވެރިން ވިދާޅުވެފައި ވަނީ 2008 ވަނަ އަހަރު ނަޝީދު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް އެ ބޭފުޅުން ތާއީދު ކުރެއްވީ ވަރަށް ވެސް ފޮނި އުއްމީދަކާ އެކުގައި ކަމަށެވެ. އެގޮތުން ގައުމުގެ ވަލިއްޔުލް އަމްރުގެ މަގާމަށް ނަޝީދު އިންތިހާބު ކުރީ ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން ގައުމު އާރާސްތުކުރުމުގެ މަތިވެރި މަގުސަދުގައި ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.
އިސްލާމީ ޝާރީއަތާއި އަގީދާ ނެގެހެއްޓުމުގެ ބަދަލުގައި ނަޝީދު ފެނިގެން ދިޔައީ ރަސޫލާގެ ސުންނަތްތަކަށް އަދި އުއްމަތުގެ އިޖުމާއުން ސާފުކޮށް ފެންނަން ހުރި ހުކުމްތަކަށް ކުޑައިމީސް ބަސްބުނެ، އެކަން ކަމަށް އިންކާރުކޮށް އޭގެ މައްޗަށް އަމިއްލަ ހިޔާލު އިސްކުރައްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައި ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.
"އިސްލާމީ ޝަރީއަތުގައި ކަނޑައަޅައިފައިވާ ހުކުމްތައް އެގޮތުގައި އޮތުމަށް އެދިވަޑައިނުގަންނަވާ ކަން ރޭޑިއޯ ހިތާބުތަކުގައްޔާއި އެހެނިހެން ތަންތަނުގައި ޖެހިލުމެއް ނެތި ނަޝީދު ގެންދެވީ ފާޅުކުރައްވަމުން. މިއިން ކޮންމެ ވަގުތެއްގައި ވެސް އިލްމުގެ އަހުލުވެރިން ވަނީ އެކަންކަން އެގޮތަށް ނުކުރުމަށް ހަނދާންކޮށްދެއްވައި ނަޝީހަތްތެރިވެފައި،" އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.
އެ ފޮތުގައި މައިގަނޑު ގޮތެއްގައި އިލްމުވެރިން ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ޣައިރު ދީނުގެ މީހުންނަށް އަޅުކަންކުރާނެ ތަންތަން އެޅުމުގެ ވިސްނުން ނަޝީދު ގެންގުޅުއްވި ކަމާއި އިސްލާމީ ޝަރީއަތުގައިވާ ޤިޞާޞް ހިފުމުގެ އަދަބު ކަނޑައެޅުމަށް އިންކާރުކުރައްވައި ނަޝީދު ދައްކަވާފައިވާ ވާހަކަތައް ހިމެނެ އެވެ. އަދި އިސްލާމީ ޝަރީއަތުގައި ސާފުކޮށް ކަނޑައަޅާފައިވާ ހުކުމްތަކާ މެދު ބަހުސްކޮށް އެ ހުކުމްތަކުގެ ހުރުމަތާއި ގަދަރު ކުޑަކުރެއްވުމަށް ނަޝީދު މަސައްކަތް ކުރައްވުން ހިމެނޭ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން އައްޑޫ ސީޓީގައި ބުދު ބެހެއްޓި މައްސަލަ އާއި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަކުރެއްވުމަށް މަސައްކަތް ކުރެއްވުމާއި ﷲ ހަރާމްކުރައްވާފައިވާ މަސްތުވާތަކެތި ބޮވެންޖެހޭނެ ކަމަށް ދޭހަވާ ގޮތަށް ނަޝީދު ދެއްކެވި ވާހަކަފުޅުތައް ވެސް ހިމެނެ އެވެ. އަދި ރާއްޖޭގެ ދީނީ އިލްމުވެރިންގެ އަގުވައްޓާލައްވައި ރަސޫލާގެ ސުންނަތަށް ފާޑުވިދާޅުވެ ޑެންމާކްގައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކާއި އިސްލާމީ އުއްމަތްތަކާއި އަދާވާތްތެރި ދައުލަތްތަކާއި ގުޅުން ބަދަހި ކުރެއްވި މަސައްކަތްތަކުގެ ވާހަކަ އާއި ރާއްޖޭގައި ކްރިސްޓިއަންދީން ފެތުރުމުގެ ކުށުގައި ޑިޕޯޓްކޮށްފައިވާ ބަޔަކަށް މައާފުދެއްވައި އަނބުރާ ގެނެސްފައިވާ މީހުންގެ ވާހަކަތައް އެފޮތުގައި ހިމަނާފައިވެ އެވެ.
އެ ފޮތް ނެރުއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އާދަމް ނަސީމު (ބީއޭ ނަސީމު) އިތުރަށް އުސްމާން އަބްދުﷲ އާއި އަލީ ޒާހިރު ބިން ސައީދާއި އާދަމް ޝަމީމާއި އިބްރާހީމް ރަޝީދު މޫސާ އާއި އިލްޔާސް ހުސައިން އާއި އަހުމަދު ރައޫފާއި އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ފަދަ ބޭފުޅުން ހިމެނެ އެވެ.
---
ނޯޓު: މި ހަބަރު ކުރިން ރިޕޯޓް ކުރި އިރު އަހުމަދު ފާރޫގުގެ ނަން ޖެހިފައި ވަނީ އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ އަހުމަދު ރައޫފު އެވެ. ވީމާ އެ ކުށަށް އަހުމަދު ފާރޫގާއި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.