ސިފައިންގެ ބަޔަކު ސޮއި ކޮށްފައިވާ ލިޔުމެއް ސޯޝަލްނެޓްވޯކް ތެރޭ ދައުރުވަމުން ދާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކާނަލް އަބުދުއްރަހީމް ވިދާޅުވީ އެކަން ސިފައިންގެ ސަމާލުކަމަށް އައިސް އިއްޔެ އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ސިފައިންގެ ބަޔަކު ސޮއިކޮށްފައިވާ ކަމަށް ބުނާ ލިޔުމަކީ މީގެ ކުރިން ސޯޝަލްނެޓްވޯކު ތެރޭ ލީކްކޮށްލާފައިވާ ކަމަށް ބުނާ ލިޔުން ކަމަށެވެ. އަދި މިހާރު އުޅެނީ އެ ލިޔުމުގައި ސޮއިކުރި ކަމަށް ބުނާ ޑޮކިއުމަންޓްތަކެއް ކަމަށެވެ.

ސޯޝަލް ނެޓްވޯކް ތެރޭ ސިފައިންގެ ތެރެއިން ބަޔަކު ސޮއިކޮށްފައިވާ ކަމަށް ބުނެ ދައުރު ކުރާ ޕެޓިޝަނުގައި ފެންނަނީ މީހާގެ ނަމާއި މަގާމެވެ.

ސިފައިންނާ ގުޅޭ ޕެޓިޝަނެއް ސޯޝަލް މީޑިއާ ތެރޭ ފެތުރިފައިވާ އިރު، މިދިޔަ މަހުތެރޭ ވަނީ ރާއްޖޭގެ މަސްރަހު މިހާރު އޮތްގޮތާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ބަޔާންކޮށް، ސިފައިންގެ ހަތަރު އޮފިސަރަކު ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމަށް ލިޔުމެއް ފޮނުއްވާފަ އެވެ. އަދި ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ސިފައިންގެ އޮފިސަރެއް ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.