ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލިސް ކުރާ ގޭގައި ހުއްޓަސް ކޯޓަށް ހާޒިރުވުމަށް ޗިޓް ހަވާލު ކުރެވޭ ގޮތަށް މަޖިލިސް މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ފުވައްމުލަކު މެދުދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) ބިލެއް މަޖިލީހަށް ވައްދައިފި އެވެ.

މިދިޔަ އަހަރު އަމަލުކުރަން ފަށާފައިވާ މަޖިލިސް މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ތިން އިސްލާހެއް ގެނައުމަށް ޝިފާގު ހުށަހަޅުއްވާފައިވެ އެވެ. ޝިފާގު "ސަން"އަށް ވިދާޅުވީ ޝަރީއަތަށް ހާޒިރުވުމުގެ ލިޔުމެއް މަޖިލިސް މެންބަރަކަށް ހަވާލުކުރުމަށް މަސައްކަތްކޮށް ވެސް ހަވާލުނުކުރެވިއްޖެ ވަކި ހާލަތެއްގައި މަޖިލިސްކުރާ ގޭގައި އެ މެންބަރަކު ހުންނެވިނަމަ މަޖިލިސް މެންބަރަކާ އެ ލިއުމެއް ހަވާލުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނެ އިސްލާހުގައި ބުނެފައިވާނެ ކަމަށެވެ. އެ އިސްލާހު ގެންނަނީ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 11 މާއްދާއަށެވެ. އެ މައްދާއަށް އިތުރު ކުރާ އަކުރެއްގެ ދަށުން މެންބަރަކު މަޖިލީހުގައި ހުއްޓަސް ޗިޓް ހަވާލު ކުރެވޭނެ އެވެ.

މަޖިލިސް މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ)ގައި މިހާރު ބުނަނީ، ތަހްގީގަކަށް ނުވަތަ ޝަރީއަތުގެ ލިޔުމެއް މަޖިލިސްކުރާ ގޭގައި މެންބަރަކު ހުއްޓައި ހަވާލުކޮށްގެން ނުވާނެ ކަމަށެވެ.

މަޖިލިސް މެންބަރަކު މަޖިލިސްކުރާ ގޭގައި ހުރި ނަމަވެސް އެ މެންބަރަކު ކޯޓަށް ހާޒިރުކުރުމަށް ސަލާމަތީ ބާރުތަކަށް އަމުރުކޮށްފި ހާލަތެއްގައި އެ މެންބަރަކު މަޖިލިސްކުރާގެ ބޭނުން ކުރައްވަނީ ފިއްލަވާ ތަނެއްގެ ގޮތުގައި ކަމަށްވާ ނަމަ އެ މެންބަރަކު ހައްޔަރުކޮށްގެން ވެސް ޝަރީއަތަށް ހާޒިރުކޮށް ދިނުމުގެ އިންތިޒާމް މަޖިލީހުން ހަމަޖައްސައި ދޭން ވާނެ ކަމަށްބުނެ އެ ގާނޫނުގެ 12 ވަނާ މާއްދާ އަށް ޝިފާގު ވަނީ އިސްލާހެއް ހުށަހަޅުއްވާފަ އެވެ.

އޭގެ އިތުރުން 12 މަސް ދުވަހަށް ވުރެ ކުރު ހުކުމެއް ތަންފީޒް ކުރުމުގެ މަރުހަލާގައި މަޖިލިސް މެންބަރަކު ހައްޔަރުކޮށްފައިވާ ނަމަ ހައްޔަރުކޮށްފައިވާ ފަރާތުން އެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށްދޭން ވާނެ ކަމަށް މަޖިލިސް މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައި ވާތީ އެ މާއްދާ ބަދަލުކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

އޭނާ ހުށަހަޅުވައްވާފައި ވަނީ 12 މަސް ދުވަހަށް ވުރެ ކުރު ހުކުމެއް ތަންފީޒު ކުރުމުގެ މަރުހަލާގައި މަޖިލިސް މެންބަރަކު ހައްޔަރުކޮށްފައިވާނަމަ އެ ދުވަސްތަކުގައި މަޖިލީގެ ޖަލްސާތަކަށް އެ މެމްބަރަކަށް ނާދެވޭނެ ކަމަށެވެ.

ޝިފާގު ވިދާޅުވީ އޭނާ އެފަދަ އިސްލާހުތަކެއް ހުށަހެޅުއްވީ ގާނޫނު އަސާސީގައި ބުނެފައިވާ ހަމަހަމަ ކަން މިހާރު އޮތް ގޮތުން އޮތްކަމަށް ގަބޫލު ނުކުރެއްވޭތީ ކޮންމެ ރައްޔިތެއްގެ މެދުގައި ހަމަހަމަ އުސޫލުން ކަންކަން ހިންގުމަށް ބޭނުންވާ އިސްލާހުތަކެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

މެންބަރަކު މަޖިލީހުގައި ހުއްޓަސް ޗިޓް ހަވާލު ކުރެވޭ އިސްލާހެއް މަޖިލީހަށް ވައްދާފައިވާއިރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އާމިދު އަބްދު ޣަފޫރު ހުންނެވީ ޝަރީއަތަށް ފިއްލެވުމަށް މަޖިލިސް ކުރާގޭގަ އެވެ. އޭނާ މަޖިލީހުގައި ހުންނެވުމުން ކޯޓަށް ހާޒިރުވުމުގެ ޗިޓު ވެސް ރައްދު ނުކުރެވޭއިރު، އޭނާ ހައްޔަރު ކުރުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރެއް ތަންފީޒެއް ވެސް ނުކުރެވެ އެވެ.