ވިލިމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު ކަމުގެ ތުހުމަތުގައި 24 އަހަރުގެ ޒުވާނަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.


ފުލުހުން މިއަދު ބުނީ ވިލިމާލޭ ބޯޅަ ދަނޑާ ދިމާލުގައި ހުރި "ގޯބިލި ހޮޓާ" ނަމަކަށް ކިޔާ ހޮޓަލެއް ކުރިމަތިން އެ މީހާ މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ދިއުމުން އެ މީހާގެ އަތުގައި ހުރި މަސްތަވާއެއްޗެތި އުކާލީ ކަމަށާއި އަދި އޭނާ ފިލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އޭނާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.


އެ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮތް މީހެއް ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.


މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހާއާ ގުޅުން ހުރި މީހަކު އެ މައްސަލާގައި ފުލުހުން ހައްޔަރު ކުރި ނަމަވެސް މިހާރު އެ މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެނާ ދޫކޮށްލީ ފުލުހުންނަށް ތަހުގީގަށް އެއްބާރުލުންދީ އަދި އެ މައްސަލާގައި އޭނާ ޝާމިލް ނުވާތީ ކަމަށް ފުލުހުން ބުންޏެވެ.