ވޯލްޑް ކަޕްގައި ބައިވެރި ވުމަށް އެފްރިކާ ބައްރަށް ދީފައިވާ ޖާގަ އިތުރުކުރަން ޖެހޭ ކަމަށް ދުނިޔޭގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖޯޒެފް ސެޕް ބްލެޓާ ވިދާޅުވެއްޖެ އެވެ.

ފީފާއާ ގުޅޭ އެކިއެކި މައްސަލަތަކާގުޅު ގޮތުން ހަފްތާއަކު އެއްފަހަރު ބްލެޓާ ލިޔުންވާ ކޮލަމްގައި މިދިޔަ ހުކުރު ދުވަހު އޭނާ ވިދާޅުވެފައި ވަނީ، ފީފާގެ އެންމެ ގިނަ މެންބަރުން އެކުލެވޭ ދެ ބައްރު ކަމަށްވާ އޭޝިއާ އަދި އެފްރިކާއަށް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ޓީމުތައް ތަމްސީލު ކުރުމުގެ ޖާގަ އިތުރުކުރަން ޖެހޭކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"ހަގީގީ ނަޒަރަކުން ބަލާފައި ތެދުތެދަށް ދަންނަވާ ނަމަ އަޅުގަނޑު ދަންނަވާނީ، އެފްރިކާއާއި އޭޝިއާގެ ގައުމީ އެސޯސިއޭޝަން ތަކުން ދައްކުވައިދީފިއޭ އެ ފަރާތްތަކަށް ފީފާ ވޯލްޑްކަޕްގައި ތަމްސީލްކުރުމުގެ ފުރުސަތު މިހާރު ލިބޭ ވަރަށްވުރެ އިތުރަށް ހައްގުކަން،" ބްލެޓާ ވިދާޅުވި އެވެ.

ބްލެޓާ ވިދާޅުވީ ދެކުނު އެމެރިކާއާއި ވިލާތުގެ ގައުމުތަށް އެއްކޮށްލުމުން މެމްބަރުންގެ އަދަދު އަރަނީ 63 އަށް ކަމަށާއި އެހެން ނަމަވެސް އެގައުމުތަކަށް ދުނިޔޭގެ ފުޓްބޯޅަ މުބާރާތުން "18 ނުވަތަ 19" ޖާގަ ލިބޭއިރު މެންބަރު 100 ގައުމު ހިމެނޭ އޭޝިއާ އެފްރިކާ ބައްރަށް ދީފައިވާ ޖާގަ މަދު ކަމަށެވެ.

"ޔޫރަޕާއި ސައުތު އެމެރިކާގެ ޓީމުތަކަށް މުބާރާތުގައި މެޖޯރިޓީ ޖާގަ، 18 ނުވަތަ 19 ޓީމް ބައިވެރި ކުރުމުގެ ފުރުސަތު އަބަދު ދެވިގެން ނުވާނެ. އެ ދެ ބައްރު އެއްކޮށްލުމުން ހަމަވާ 63 މެންބަރު ގައުމު އޭޝިއާ އެފްރިކާ ބައްރުގެ މެންބަރު 100 ގައުމަށްވުރެ މަދު،" ބްލެޓާ ވިދާޅުވި އެވެ.

ފީފާގެ ރައީސް ވިދާޅުވީ އެފްރީކާ ބައްރަކީ މެންބަރުން އެންމެ ގިނަ ބައްރު ކަމަށާއި އެހެން ނަމަވެސް 54 މެންމަބަރުން ހިމެނޭ އެ ބައްރަށް ވޯލްޑްކަޕުން ދީފައިވަނީ އެންމެ ފަސް ޖާގަ ކަމަށެވެ.

"ފީފާގެ ގަވާއިދު މިގޮތަށް އޮތްހާ ހާލަތެއްގައި ދުނިޔޭގެ ފުޓްބޯޅަ މުބާރާތް އެފްރިކާ ބައްރުގެ ޓީމަކަށް ކާމިޔާބުކުރުމުގެ ފުރުސަތު ކުޑަ. ޓީމްތައް ކިތަންމެ ވަރުގަދަވީ ނަމަވެސް މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ކުޑަވާނެ. އެހެން ކަމުން ފީފާގެ ގަވާއިދަށް އިސްލާހް ގެންނަން އެބަޖެހޭ،" ފީފާގެ ރައީސް ވިދާޅުވި އެވެ.

ބްލެޓާ އިތުރަށް ވިދާޅުވީ، ފުޓްބޯޅައަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާއިރު ވޯލްޑް ކަޕްގައި ޓީމުތައް ބައިވެރި ވުމުގެ ފުރުސަތު ހުރިހާ އެންމެނަށް ހަމަހަމަކޮށް ލިބެން ޖެހޭ ކަމަށެވެ.