ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ދިފާއުގައި، ޖަވާބުދާރީ ވެވަޑައިތުމުގެ ފުރުސަތު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދީފި އެވެ.

ޕީޖީ މުއިއްޒު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހަޅާފައިވާ މައްސަލާގައި ކޮމެޓީ އަށް ޖަވާބުދާރީވުމަށް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 11:15 އަށް މަޖިލީހަށް ވަޑައިގަތުމަށް އެމަނިކުފާނަށް ދެންނެވުމަށް މިއަދު ބޭއްވި ކޮމެޓީގައި ވަނީ ނިންމާފަ އެވެ.

އެމްޑީޕީ އާއި ޑީއާރްޕީގެ މެޖޯރިޓީ އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް މުއިއްޒުގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ 26 އަށް ވުރެ ގިނަ އެމްޑީޕީ މެންބަރުން ސޮޔާ އެކު އެވެ. މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތަޅުމަށް ފޮނުވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ.

ޕީޖީ މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގިނަ ސަބަބުތަކެއް ކޮމެޓީ އަށް ހުށަހަޅާފައިވެ އެވެ. އެ ސަބަބުތަކަކީ ޕީޖީން ދައުވާ ކުރުމުގައި ވަކި ބަޔަކު އިސްތިސްނާ ކުރުމާއި ކޯނީގެ ރިޕޯޓުގައި ބުނެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅުމާއި އަސާސީ ހައްގު ގެއްލޭ ގޮތަށް ޕީޖީ އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ އިރު، މި އަހަރުގެ ތިން ވަނަ ދައުރުގައި އެމްޑީޕީ އަށް ވަނީ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބިފަ އެވެ. ރައީސް މުހައްމަދު ނަޝީދަށް ޑީއާރްޕީން ތާއިދު ކުރަން ނިންމި ހިސާބުން، އެ ޕާޓީންގެ ގިނަ މަޖިލިސް މެންބަރުން ވޯޓު ދެއްވަނީ އެމްޑީޕީގެ ވިޕްލައިނާ އެއްގޮތަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި މިއަދު ވަނީ ކޮމެޓީގެ ގަވާއިދަށް އިސްލާހެއް ގެނައުމަށް ނިންމާފަ އެވެ. އެއީ މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމްތަކުގައި ތިބޭ ފަރާތްތަކާ ދެކޮޅަށް ހުށަހެޅޭ އިތުބާރު ނެތްކަމުގެ މައްސަލަތައް ކޮމިޓީގައި ކުރިއަށް ގެންދިއުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތުތައް ކަނޑައެޅުމެވެ.

އެ އިޖުރާއަތުގައި ވަނީ މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ ފަރާތްތައް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅިއްޖެ ނަމަ، އެ މައްސަލައެއް ރައްދުވާ ފަރާތަށް އެކަން އަންގާ، އެ މައްސަލައެއްގައި ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީވުމަށް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. އަދި ކޮމެޓީ އަށް ޖަވާބުދާރީވުމުގައި ވަކީލަކާ އެކު ވަޑައިގެން ޖަވާބުދާރީވުމުގެ ފުރުޞަތު ވެސް ލިބޭނެ އެވެ.