ޓޮޓެންހަމްގެ ޓޯގޯ ސްޓްރައިކާ އެމެނުއެލް އަޑެބަޔޯ ހޯދުމަށް އަންނަ ޖެނުއަރީ ޓްރާންސްފާގައި އާ ބިޑެއް ހުށަހަޅާނޭ ކަމަށް ތުރުކީގެ ބެސިކްޓަސް އިން ބުނެފި އެވެ.

ކްލަބްގެ ވައިސް ޕްރެޒިޑެންޓް އަހްމެޓް ނޫރު ޗެބީ ވިދާޅުވީ އެ ކްލަބުން އެންމެ ފަހުން ނިމުނު ޓްރާންސްފާގައި ވެސް އަޑެބަޔޯ ހޯދުމަށް މަސައްކަތް ކުރި ކަމަށާއި އަދި ކުރިއަށް އޮތް ޓްރާންސްފާގައި ވެސް މަސައްކަތް ކުރާނޭ ކަމަށެވެ.

"އޯގަސްޓް ޓްރާފްސްފާގައި ވެސް އަޑެބަޔޯ ގެންނަން މަސައްކަތް ކުރިން،" ޗެބީ ވިދާޅުވި އެވެ. "އަޑެބަޔޯފަދަ މާކެޓްގައި ފުރުސަތު އޮތް ކުޅުންތެރިން ލައްވައި ސޮއި ކުރުވުމަކީ ފަސޭހަ ކަމެއް ނޫން. އެހެން ނަމަވެސް ޖެނުއަރީގައި ވެސް އޭނާ ގެންނަން ކްލަބުން ބިޑް ކުރާނަން."

މި އަހަރުގެ އޯގަސްޓް މަހު ބެސިކްޓަސްއިން އަޑެބަޔޯއަށް ބިޑްކުރި ނަމަވެސް 29 އަހަރުގެ ފޯވާޑް ނިންމީ އަދި އިތުރު ފުރުސަތުތަކެއް ލިބޭތޯ މަޑުކުރުމަށެވެ.

"ވަރަށް ގިނަ ކްލަބްތަކުން ކުރިން ވެސް ޝައުގުވެރިކަން ފާޅުކުރަމުން އައީ. އެހެންވީމާ ތުރުކީއަށް ދާކަށް އަހަރެން އެއްގޮތަކަށް ވެސް އަދި ވިސްނާފައެއް ނެތް. އެހެންވީމާ މިހާރު އަހަރެން މިވިސްނަނީ ކޮން ޓީމަކާތޯ ގުޅޭނީ،" އަޑެބަޔޯ ބުންޏެވެ.

ޓޮޓެންހަމްއަށް މިސީޒަންގައި އަދި އެއްވެސް މެޗެއް އަޑެބަޔޯ ކުޅެފައިނުވާއިރު އޭނާ ފަރިތަކުރުންތައްވެސް ކުރިއަށް ގެންދަނީ ކްލަބްގެ ޔޫތު ޓީމާއެކު އެވެ. ޓޮޓެންހަމްގެ ކޯޗު އަންދްރޭ ވިއަސް ބޮއަސްގެ ޓީމުން އަޑެބަޔޯއަށް ޖާގަ ދީފައި ނުވަނީ، އޭނާ ޗުއްޓީގައި ދިއުމަށްފަހު ޗުއްޓީ އިތުރު ކުރުމުން ހިތްހަމަ ނުޖެހިގެންނެވެ.

މެންޗެސްޓާ ސިޓީން މިދިޔަ ސީޒަންގައި 6.4 މިލިއަން ޔޫރޯއަށް ޓޮޓެންހަމްއާ ގުޅުނު އަޑެބަޔޯގެ ކޮންޓްރެކްޓްގައި ބާކީ އަދި ދެއަހަރު ދުވަސް އެބައޮތެވެ.