އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕް 2014އަށް އާސިއާން ސަރަހައްދުން ކޮލިފައިވާ ޓީމުތަށް ހޮވުމަށް ބޭއްވި ފުޓްސަލް މުބާރާތުގައި 2-1 އިން އޮސްޓްރޭލިޔާ ބަލިކޮށް ތައިލެންޑުން އެ މުބާރާތް ކާމިޔާބުކޮށްފި އެވެ.

ބެންކޮކްގެ ތޮންބުރި ޔުނިވާސިޓީގައި އާދީއްތަ ދުވަހު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ތައިލެންޑް ޓީމަށް ދެ ލަނޑު ވެސް ޖަހައިދިނީ ސުފަވަތު ތުއާންކްލަންގް އެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 13 ވަނަ މިނިޓުގަ އެވެ. އަދި ދެވަނަ ލަނޑު 36 ވަނަ މިނިޓުގައެ އެވެ.

މެޗުގެ 39 ވަނަ މިނިޓުގައި އޮސްޓްރޭލިއާގެ ޖެރޯޑް ބަސްގާރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ތައިލެންޑަށް އާސިއާން ޓައިޓްލް ނުވަވަނަ ފަހަރަށް އުފުލައިލުމުގައި ހުރަހަކަށް ނުވި އެވެ.

ތައިލެންޑް ވަނީ 2012 ވަނަ އަހަރުގެ ރަނަރަޕްގެ ހައިސިއްޔަތުން އަންނަ އަހަރު ވިއެޓްނާމްގައި ބޭއްވުމަށް އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕް 2014އަށް ކޮލިފައިވެފަ އެވެ. އަދި މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ވިއެޓްނާމްއަށް ވެސް ވަނީ އޮޓޮމެޓިކް ޖާގައެއް ލިބިފަ އެވެ.

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގައި ހިމެނޭ ސަރަހައްދުތައް (އިރުމަތީ ޒޯން، އާސިއާން ޒޯން، މެދު ދެކުނު ޒޯން އަދި ހުޅަނގު ޒޯން) ހަތަރު ގްރޫޕަކަށް ބަހާލައިގެން ޖުމުލަ 16 ޓީމް ވާދަކުރާ ފުޓްސަލް މުބާރާތުގައި އާސިއާން ސަރަހައްދުން ދެން ޖާގަ ލިބިފައިވަނީ، ހަތަރު ވަނައަށް ދިޔަ އިންޑޮނީޝިއާ އާއި ފަސްވަނައަށް ދިޔަ މެލޭޝިއާ އަށެވެ.