ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ އައްޔަންކުރައްވާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވައްޑޭ ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހުނީ ހަމްޒާ ޖޭއެސްސީ އަށް އައްޔަންކުރައްވާފައި ވަނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ހަމްޒާ އަކީ ޖުޑީޝަރީއާ ދެކޮޅަށް މަސައްކަތްކުރައްވާ މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކަށް ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ހަމްޒާ ޖޭއެސްސީ އަށް ހޮއްވެވީ އެމްޑީޕީ، ޑީއާރްޕީގެ މެންބަރުންގެ ވޯޓުގެ އަޣުލަބިއްޔަތުންނެވެ. ޖޭއެސްސީ އަށް ހަމްޒާ ހޮއްވެވުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ ތެރެއިން އޭނާ ޖޭއެސްސީ އަށް ހޮވުމަށް ލިބުނީ 43 ވޯޓެވެ. އޭނާ ޖޭއެސްސީ އަށް ހޮވުމާ ދެކޮޅަށް 27 މެންބަރުން ވޯޓު ވޯޓުދެއްވާފައިވެ އެވެ.

ޖޭއެސްސީ އަށް ހޮވުމާ ގުޅިގެން ހަމްޒާ ވިދާޅުވެފައި ވަނީ މަޖިލީހުގެ އެ ނިންމެވުމަކީ ޖުޑީޝަރީ އިސްލާހު ކުރުމަށް ނިންމި މުހިއްމު ނިންމުމެއް ކަމަށެވެ. އަދި އޭނާގެ ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރަކަށް އެ ލަނޑުދަނޑި ހާސިލް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.