ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ އާއި ޑީއާރްޕީން މިއަދު މަޖިލީހުގައި ދިން ވޯޓުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު ބައިވެރިވެވަޑައިގެން، ވޯޓު ދެއްވައިފި އެވެ.

އާޒިމާގެ އިތުބާރު ނެތް ކަމަށް މަޖިލީހުން މިއަދު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ ތެރެއިން 41 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެމްޑީޕީ އާއި ޑީއާރްޕީގެ މެންބަރުންނާ އެކު ޖުމްލަ 38 ވޯޓާއެކު މަހުލޫފާއި ޒުބައިރު ވޯޓު ދެއްވީ އާޒިމާ ދެކޮޅަށެވެ. މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި އިންނަވާ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް ވެސް ވޯޓު ދެއްވީ އާޒިމާއާ ދެކޮޅަށެވެ. އޭނާއަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ވިޕްލައިނާ އެއްކޮޅަށް ވޯޓު ދެއްވާ މެންބަރެކެވެ.

މަހުލޫފު "ސަން"އަށް ވިދާޅުވީ އޭނާ އާޒިމާއާ ދެކޮޅަށް ވޯޓު ދެއްވީ އާޒިމާގެ މައްޗަށް އޭނާގެ އިތުބާރު ގެއްލިފައިވާތީ ކަމަށެވެ. މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި އިންނަވާ ޒުބައިރު އާޒިމާއާ ދެކޮޅަށް ވޯޓު ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ. އޭނާއަކީ ކުރިން ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވި މެންބަރެކެވެ. ޒުބައިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.

މަހުލޫފު ވިދާޅުވީ އާޒިމާއަކީ "ޓީމަށް ކުޅުމަށް ވުރެ ބޮޑަށް، އަމިއްލައަށް ކުޅެން އުޅޭ ބޭފުޅެއް" ކަމަށާއި ޕީޕީއެމްގެ ސުލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެން އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެ ކަމަށް ވިދާޅުވި އިރު، އެކަމަނާ ފެނުނީ ރައީސް މުހައްމަދު ވަހީދުގެ ކެމްޕޭނުގައި އުޅުއްވި މަންޒަރު ކަމަށެވެ.

"އެކަމަނާއަކީ ޓީމް މަސައްކަތަށް ވުރެ ބޮޑަށް އަމިއްލައަށް ކުޅެ، އަމިއްލަ މަސްލަހަތަށް އިސްކަންދެއްވާ ބޭފުޅެއް. ނޮވެންބަރު 11ގެ ފަހުން ރައީސަކު އިންތިހާބު ނުވެއްޖެ ނަމަ ދެން އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން މަޖިލީހަށް ސިޓީފުޅެއް ފޮނުއްވީ ވެސް އެކަމަނާގެ ލަފާގެ މަތިން. އެއީ މަޝްވަރާ ކުރުމެއްނެތި އެކަމަނާ ކުރެއްވި ކަމެއް،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު މަހުލޫފު ވިދާޅުވި އެވެ.

ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ކަމަށް އާޒިމާ އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި ވެސް މަހުލޫފު ވޯޓު ދެއްވީ އާޒިމާއާ ދެކޮޅަށެވެ. އަދި އެ މަގާމަށް އާޒިމާ ނުހޮވުމުން، ބަންޑާރަ ނައިބު ކަމަށް އެކަމަނާ އައްޔަން ކުރަން އުޅުމުން ވެސް މަހުލޫފު ވިދާޅުވެފައި ވަނީ އޭނާގެ ރުހުން އާޒިމާއަށް ނެތް ކަމަށެވެ.

މަހުލޫފު މިއަދު ވިދާޅުވީ އާޒިމާ އިތުރަށް ވަޒީރަކަށް ގެނެސްފި ނަމަ ވެސް އޭނާގެ ރުހުން އެކަމަނާ އަށް ނުލިބޭނެ ކަމަށެވެ.

އާޒިމާގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމާ ދެކޮޅަށް ވޯޓު ދެއްވި ފަސް މެންބަރުންނަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ އާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދެވެ.