ހއ. އަލީދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖާދުﷲ ޖަމީލުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުގެ ދައުވާ އަށް އޭނާ އިންކާރުކުރައްވައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޖާދުﷲގެ ގާނޫނީ ވަކީލާ ވިދާޅުވީ ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުގެ ދައުވާ އަށް ޖާދުﷲ އިންކާރު ކުރައްވާ ކަމަށެވެ.

ދައުވާ އަށް ޖާދުﷲ އިންކާރު ކުރެއްވުމުން އޭނާގެ މައްޗަށް އެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ހެކި ހުށަހަޅާފަ އެވެ. ހެކީންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ވަނީ ހާދިސާ ހިނގިތަނަށް ދިޔަ ތިން ފުލުހަކާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓެވެ.

ޖާދުﷲގެ ފަރާތުން ވެސް ވަނީ ދިފާއުގައި ތިން ފުލުހަކު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ. އެ ފުލުހުންނަކީ ހދ. ކުޅުދުއްފުށީ ޕޮލިސް ޓޭޝަންގައި މަސައްކަތްކުރާ އަހްމަދު ނަމަކަށް ކިޔާ ފުލުހަކާއި އަޒުމީލް ނަމަކަށް ކިޔާ ފުލުހެއްގެ އިތުރުން އަލީ ރަޝީދު ނަމަކަށް ކިޔާ ފުލުހުންގެ މީހެއް ކަމަށް ޖާދުﷲގެ ވަކީލު ވިދާޅުވި އެވެ.

އެ ތިން ފުލުހުންގެ ފުރިހަމަ ނަމާއި އެޑްރެސް މާދަމާ 12:00ގެ ކުރިން ކޯޓަށް ހުށަހެޅުމަށް ގާޒީ ވަނީ އަންގާފަ އެވެ.

ޖާދުﷲގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ފަތިހު 4:30 އެހައިކަންހާއިރު ހދ. ހޮނޑައިދޫ އުތުރު ފަރާތުގައި ބާއެއްގެ ގޮތަށް ހަދާފައިވާ ހަޓުކައިރިން އިތުރު ބަޔަކާ އެކު ހުއްޓައި ޖާދުﷲ ފެނުނުއިރު އޭނާ ހުރި ދިމާލު ބިންމަތިން ކެނަބިސް ފެނިފައިވާތީ އެވެ.

ޖާދުﷲގެ ވަކީލު ވިދާޅުވީ ޖާދުﷲގެ ފިންގާ ޕްރިންޓް ނުފެންނަ ނަމަ އެތަނުން ފެނުނު މަސްތުވާތަކެއްޗަށް އޭނާ ޒިންމާވާން ނުޖެހޭނެ ކަމަށެވެ.