29 Oct 2013, 13:27
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާ އަމުރުތަކާއި މަޖިލީހުން ކުރާ އަމުރުތައް ތަންފީޒުކޮށް މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލާ "ސާޖަންޓް އެޓް އާމްސް"ގެ މަގާމަށް ކުރިމަތިލެއްވި ނުވަ ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު ޝަރުތު ހަމަވާ ކަމަށް ނިންމައިފި އެވެ.
ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލި ނުވަ ބޭފުޅުންގެ ތެރެއިން، ތިން ބޭފުޅަކު ޝަރުތު ހަމަވާ ކަމަށް ނިންމީ ރޭ ބޭއްވި އާންމު ކޮމެޓީގެ ސަބް ކޮމެޓީގަ އެވެ. އިންޓަވިއުއަށް ވަޑައިގެންނެވި ހަތް ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު މަޖިލީހުން ކުރި އިޢުލާނުގައިވާ ޝަރުޠު ހަމަވާތީ އެބޭފުޅުންނަށް މާކްސް ލިބިވަޑައިގެންނެވި ތަރުތީބުން އެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް މަޖިލީހުން ގޮތެއް ނިންމެވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ލަފާއެރުވުމަށް އާންމު ކޮމެޓީގެ މައި ކޮމެޓީން ވަނީ ނިންމާފަ އެވެ.
ސާޖަންޓް އެޓް އާމްސްގެ މަޤާމުގެ މަސައްކަތުގެ އޮނިގަނޑެއް ތައްޔާރުކުރުމަށް ޢާންމު ކޮމިޓީގެ ސަބް ކޮމެޓީއަކަށް ފޮނުވުމަށް ރޭގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައިވެ އެވެ.
ސާޖަންޓް އެޓް އާމްސް މުސާރައަކީ 32،000ރ. އެވެ. ސާޖަންޓް އެޓް އާމްސްގެ މަސްއޫލިއްޔަތަކީ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކާއި އަދި އިދާރާގައި ބާއްވާ ބައްދަލުވުންތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމެވެ. އެގޮތުން މަޖިލީހުގެ ނިޒާމު ގެއްލުވާލައިފި ނަމަ މަޖިލީހުގެ ރައީސްގެ އިޒުނައާ އެކު މެންބަރުން ޖަލްސާ ކުރާ މާލަމުން ނެރުމުގެ ބާރު ސާޖަންޓް އެޓް އާމްސްއަށް ލިބިގެންވެ އެވެ.
ސާޖަންޓް އެޓް އާމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އާންމު ކޮމެޓީން ކުރިން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އެފަހަރު ޝަރުތު ހަމަވާ ބޭފުޅަކު އެފަހަރު ނުލިބެ އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހުގެ މިއަހަރުގެ ބަޖެޓްގައި ޖަހާފައިވެ އެވެ.