ރާއްޖޭގެ އިގްތިސާދީ ސަރަހައްދާ ފުށުއަރާ ސަރަހައްދުގެ ކުޑަތަންކޮޅެއް ބޭރުން މެލޭޝިޔާގެ އާގު ބޯޓެއް ސޯމާލިއާގެ ކަނޑުފޭރޭ މީހުން ހައިޖެކްކޮށްފި އެވެ.  


އެމްއެންޑީއެފްގެ މޭޖާ އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ، މެލޭޝިޔާގެ ދިދަ ޖެހި އާގު ބޯޓެއް މިދިޔަ ހޯމަ ދުވަހު ހައިޖެކްކޮށްގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. ތޭވީސް ފަޅުވެރިންނާ އެކު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފުރައިގެން ދިޔަ އެ ބޯޓު ހައިޖެކްކޮށްފައި ވަނީ ގ.ދ ތިނަދޫގެ ހުޅަނގުން 480 މޭލު ބޭރުން ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.


ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި ސޯމާލިޔާގެ ދެ އުޅަނދެއް ވަނީ ރާއްޖޭގެ ސަރަހައްދަށް ވަދެ، އެއް އުޅަނދު މަސްވެރިންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ. އަނެއް އުޅަނދު އައިސް ލެފީ ފުވައްމުލަކަށެވެ. އެ ދެ އުޅަނދުގައި ތިބި މީހުންގެ ވެސް ސިއްޚަތު ރަގަޅު ކަމަށާއި އަދި އެމީހުން ތިބީ "ހާލުގައި ޖެހިފައި ނޫން ކަމަށް" އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.


އެމްއެންޑީއެފުން ބުނި ގޮތުގައި މިހާތަނަށް ރާއްޖެ އަށް "ލެއްގި" ސޯމާލިއާ މީހުންގެ އަދަދު ވަނީ 34 އަށް އަރައިފަ އެވެ.


ސޯމާލިއާގެ ކަނޑުފޭރޭ މީހުން ރާއްޖެއަށް ލައްގާ ވަރު އިތުރުވެ، އެމީހުންގެ ފަރާތުން ހަމަލާއެއް ލިބިދާނެ ކަމުގެ ބިރު އިތުރުވެފައިވާތީ، އެމްއެންޑީއެފާއި އިންޑިއާ ސިފައިން ގުޅިގެން މިއަދު ޚާއްސަ ސާޗް އޮޕަރޭޝަނެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ފަށައިފާވާ ކަމަށް އަބްދުއްރަހީމް މިއަދު ވިދާޅުވި އެވެ.