ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައިވާ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާ އުވާލުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ބިލެއް ވައްދައިފި އެވެ.

އެ ބިލް މަޖިލީހަށް ވައްދާފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. އިންތި މަޖިލީހަށް ވެއްދި ބިލުގެ ސުރުހީ ވަނީ މިއަދުގެ ޖަލްސާ އަށް އިއްވާފަ އެވެ.

މީގެ 47 އަހަރު ކުރިން ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އަމަލު ކުރަން ފެށި ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލަނީ ކުށް ނުކުރާ މީހަކު ހިފައި ހައްޔަރު ކުރި ކަމުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރުގެ ޖަލަށްލުން ނުވަތަ 2000ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައިވާ މާއްދާ ބާތިލު ކުރުމާ އެކު، ގާނޫނުލް އުގޫބާތުގެ އިތުރު ދެ މާއްދާއެއް ވެސް ބާތިލު ކުރުމަށް އިންތި މަޖިލީހަށް ވެއްވި ބިލުގައިވެ އެވެ. އެއީ ގާނޫނުން އުގޫބާތުގެ 75 ވަނަ މާއްދާ އާއި 87 ވަނަ މާއްދާ އެވެ.

ގާނޫނުލް އުގޫބާތުގެ 75 ވަނަ މާއްދާގައި ބުނަނީ ހައްގަކާ ނުލައި ދައުވާއެއްކޮށްފި މީހަކު 200ރ. އިން ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ. އަދި އެ ގާނޫނުގެ 87 ވަނަ މާއްދާގައި ބުނަނީ ގާނޫނީ ގޮތުން ބާރު ލިބިފައިވާ މުވައްޒަފަކު އޭނާގެ ވާޖިބު އަދާ ކުރުމަށް އެހީތެރި ނުވެއްޖެ ނަމަ އެމީހަކު 500ރ. އިން ޖޫރިމަނާ ކުރުމަށެވެ.

ރައީސް ނަޝީދަށް ޑީއާރްޕީން ތާއިދު ކުރުމަށް ނިންމި ހިސާބުން، އެ ޕާޓީގެ މަޖިލިސް މެންބަރުންނާ އެކު މަޖިލީހުގެ ސާފު އަގަލުބިއްޔަ އެމްޑީޕީ އަށް ވަނީ ލިބިފަ އެވެ. އެމްޑީޕީ އަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބުނު ހިސާބުން، އެ ޕާޓީން ވަނީ މަޖިލިސް މެންބަރުންގެ މައްޗަށް ދައުވާ ކުރާ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށް ހުށަހަޅާފަ އެވެ. އެ ގޮތުން ޔޫރިން ނުދިނުމުގެ އަދަބު ލުއި ކުރުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ މަޖިލީހަށް ބިލެއް ވައްދާފަ އެވެ.