29 Oct 2013, 13:03
ދިވެހިންގެ ބަޔަކު ސްރީ ލަންކާގެ ތަމަޅައިންގެ ބަޔަކާ ގުޅިގެން ނޮވެމްބަރު ،3 1988ގައި ރާއްޖެ އަށް އުދުވާނީ ހަމަލަދީ އެތައް ބަޔަކު މަރާލި ހާދިސާއާ ގުޅިގެން ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަސް ނުވަތަ "ބަޑިބުރާސްފަތި"، އެ ހާދިސާގައި ޝަހީދުވި ކޯޕްރަލް ޝަހީދު ހުސެއިން އާދަމްގެ ރަށް، ހދ. ކުޅުދުއްފުށީގައި މި އަހަރު ފާހަގަކުރަން ނިންމައިފި އެވެ.
މި އަހަރުގެ ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފުން ހިންގަން ރާވާފައިވާ ހަރަކާތްތަކާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ކަޅުތުއްކަލާ ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ކާނަލް އަބްދުއްރަހީމް ވިދާޅުވީ އެ ހާދިސާ އަށް މި އަހަރު 25 އަހަރު ފުރޭއިރު އެކަމުގެ ގިނަ ހަރަކާތްތަކެއް ޝަހީދު ހުސެއިން އާދަމްގެ ރަށްކަމަށްވާ ކުޅުދުއްފުށީގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކުޅުދުއްފުށީގައި ހިންގާ ހަރަކާތްތައް ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ފެށިގެންދާ އިރު، އެރޭ އެ ރަށުގައި ބަޑި ބޭހުގެ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނަސްރުގެ ދުވަސް ފެށިގެން ދާނީ އެއް ޖަމާއަތެއްގައި ފަތިސް ނަމާދު ކުރުމަށް ފަހު ދުވަހާ ގުޅޭ ހާއްސަ ދުއާއަކުން ކަމަށާއި އެދުވަހުގެ ހަވީރު ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ޝަރަފުގެ ހިނގާލުން ކުރިއަށްދާނެ ކަމަށް އަބްދުއްރަހީމު ވިދާޅުވި އެވެ.
މިއަހަރުގެ ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާ ވެސް ބާއްވަން ހަމަޖެހިފައި ވަނީ ކުޅުދުއްފުށީގަ އެވެ. އެގޮތުން އެޖަލްސާގައި އައްޑަނަ މަޖައްލާގެ ހާއްސަ އަދަދެއް ނެރުން ވެސް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭގައި ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފެށިގެންދާނީ އެއްޖަމާއަތެއްގައި އެދުވަހު ފަތިސް ނަމާދު އިސްލާމީ މަރުކަޒުގައި ކުރުމަށް ފަހުގަ އެވެ. ނަމާދަށް ފަހު 3 ނޮވެމްބަރުގެ ހާއްސަ ބިނާ ކައިރީގައި ދިދަ މައުންޓު ކުރުމާއި ދިދަ ނެގުމުގެ ރަސްމިއްޔާތެއް އޮންނާނެ ކަމަށް އަބްދުއްރަހީމު ވިދާޅުވި އެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް އެދުވަހުގެ ހަވީރު ނަސްރުގެ ދުވަހުގެ ހާއްސަ ބިނާ ކައިރީ ދިދަ މައުންޓު ކުރުމާއި ސައިލެންޓް ޑްރިލްތަކެއް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.