ހޯރަފުށީ މީހެއްގެ ގޯއްޗަށް ގަވާއިދާ ހިލާފަށް އިން އިތުރުކޮށްދީފައިވާ ކަމުގެ ތުހުމަތުގައި އޭރު އެ ރަށު އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ނަސީރު އާދަމްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައި ދިނުމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ހއ. ހޯރަފުށި "ސަންދުރަ" ގޯއްޗަށް އެ ގޯތީގެ އުތުރު ފަރާތުން 11 ފޫޓު އިތުކޮށް ގޯތީގެ ރަޖިސްޓްރީ ހަދައިދިނުމުގައި އޭރު ރަށު އޮފީސް ހިންގުމާ ހަވާލު ހުންނެވި އަލީ ނަސީރު އަމަލުކޮށްފައި ވަނީ މަގާމު ނުފޫޒު ބޭނުންކޮށްގެން ކަމަށް އެ ކޮމިޝަނަށް ސާބިތުވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ "ސަންދުރަ" ގޯއްޗަށް އިން އިތުކޮށްދީފައިވާ ރަޖިސްޓްރީއަކީ އަތޮޅު އޮފީސްތަކަށް ދީފައިވާ ހުއްދައިގެ ދަށުން ހޯރަފުށީގެ ރަށު އޮފީހުން ހަދާދީފައިވާ ރަޖިސްޓްރީއަކަށް ވީ ނަމަވެސް އެ ގޯއްޗަށް ބިން އިތުރުކޮށްދިނުމާ ގުޅޭ ގޮތުން އަތޮޅު އޮފީހާއި އަދި ރަސްމީ އެއްވެސް އިދާރާއަކާ ރަސްމީ ގޮތުން މުއާމަލާތެއް ކޮށްފައިވަކަން އެނގެން ނެތް ކަމަށެވެ. އަދި ގޯތީގެ ކަންކުތި ފިލުވާދިނުމަށް ވިހާ ވެސް ކުޑަވާ ގޮތަކަށް ހަމަޖައްސަދިނުމަށް އެ ގޯތީގެ ތަންކޮޅެއް އިތުރުވި ކަމަށާއި އެކަން އެގޮތަށް ކުރީ އަތޮޅު އޮފީހުން ވަކި ހުއްދައެއް ހޯދައިގެން ނޫން ކަމަށް ތަހްގީގުގައި އޭނާ އެއްބަސްވެފައިވާ ކަމަށް އޭސީސީން ބުނެ އެވެ.

އަލީ ނަސީރު މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖައިޒް ފައިދާ ހޯދަދިނުމުގެ ކުށުގެ ދައުވާ އެވެ.