29 Oct 2013, 11:36
އެކަކު އަނެއްކަކަށް ގުޅުމަށް ނުވަތަ މެސެޖެއް ކުރުމަށް ދިރާގާއި ވަތަނިއްޔާގެ ނެޓްވޯކްތަކުގެ ބަދަލުގައި ސޯޝަލް އެޕްލިކޭޝަންތަކުގެ ނެޓްވޯކްތައް ބޭނުން ކުރުމަކީ ގެއްލުންވާ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ޑޭޓާ ބޭނުންކުރާ މިންވަރު ބޮޑުތަން އިތުރުކަމަށް ދިރާގާއި ވަތަނިއްޔާ އިން ބުނެފި އެވެ.
ދިރާގު ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު އެގްޒެކެޓިވް އިބްރާހިމް އިމްޖާދު ޖަލީލް "ސަން" އަށް ވިދާޅުވީ ވޮއިސްކޯލް ކުރުމަށް ވުރެ ޑޭޓާ ބޭނުން ކުރުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ބޮޑުވަމުން އަންނަ ކަމަށާއި އެހެންކަމުން ސޯޝަލް އެޕްލިކޭޝަންތައް ބޭނުންކޮށްގެން މުއާމަލާތްތައް ކުރުމަކީ "ގޯހެއް" ނޫން ކަމަށެވެ.
"މިހާރު ފޯނުތައް މިކުރެވެނީ އިނަޓަނެޓް މެދުވެރިކޮށް، އެއީ އެއްގޮތަކަށް ވެސް މައްސަލައެއް ނޫނިއްޔާ، ގަބޫލްކުރަން ނުވާކަހަލަ ކަމެއް ނޫން. ޓެކްނޮލޮޖީ އާ އެއްވަރަށް ކުންފުނިތައް ވެސް އަދި ގައުމުވެސް ކުރިއަށްދާން މިޖެހެނީ،" އިމްޖާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ އެޕްލިކޭޝަންތަކާ އެކު ޑޭޓާ ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި އެހެންކަމުން އެއީ ވެސް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި 4ޖީ ފަދަ ހިދުމަތްތަކަކީ ވެސް ޑޭޓާ އަށް ހާއްސަ ހިދުމަތްތައްކަމަށް އިމްޖާދު ވިދާޅުވި އެވެ.
މުއާސަލާތީ އަނެއް ކުންފުނި ކަމަށްވާ ވަތަނިއްޔާގެ ސީނިއާ ސްޕެޝަލިސްޓް ޕީއާރް މާކެޓިން ކޮމިއުނިކޭޝަން މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ ވަތަނިއްޔާގެ ކަސްޓަމަރުންނަށް ޑޭޓާ މެދުވެރިކޮށް ފައިދާތަކެއް ވާނެ ކަމަށާއި އެހެންކަމުން ސޯޝަލް އެޕްލިކޭޝަންތައް ބޭނުން ކުރުމަކީ އެ ކުންފުއްޏަށް އެއްވެސް ގެއްލުމެއް މެދުވެރިވާނެ ކަމެއް ނޫން ކަމަށެވެ.
އެކިއެކި މުއާމަލާތްތައް ކުރުމަށް ސޯޝަލް މީޑިއާތަކުގެ ތަފާތު އެޕްލިކޭޝަންތައް ބޭނުން ކުރުން މިހާރު ރާއްޖޭގައި ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އެގޮތުން ވައިބާ އާއި ސުކައިޕާއި ވަޓްސް އަޕްގެ އިތުރުން ވީ ޗެޓް ފަދަ އެޕްލިކޭޝަންތަކަކީ ގިނަ އަދަދެއްގެ ބަޔަކު މުއާމަލާތުކުރުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކެވެ.
އެފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ގުޅުމާއި މެސެޖުކުރުން ފަދަ ހިދުމަތްތައް ބޭނުންކުރެވޭ އިރު ގުޅާ ފަރާތްތަކާއި މެސެޖު ކުރާ ފަރާތްތަކެއް އެ ޑޭޓާ ބޭނުންކުރާ ނެޓްވޯކަކަށް ނޭނގެ އެވެ. އެގޮތުން ގުޅާ މީހާއި މެސެޖު ކުރާ މީހާގެ މައުލޫމާތެއް ނެޓްވޯކްތަކަކަށް ނޭނގެ އެވެ.