29 Oct 2013, 11:19
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ހައްޔަރު ކުރީ ސިފައިން ނޫން ކަމަށް ދައުލަތުން ބުނެފި އެވެ.
ދައުލަތުން އެގޮތަށް ބުނެފައި ވަނީ އަލީ އާޒިމްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައި ވާތީ އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
އަލީ އާޒިމް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ ފުލުހުން އޭނާ ހައްޔަރު ކުރީ މަޖިލީހުގެ އިދާރާ ކައިރިން ކަމަށެވެ.
އޭނާ ވިދާޅުވީ ސިފައިން އާޒިމް ހިފެހެއްޓުމަށް ފަހު މަޖިލީސް އިދާރާ ކައިރިން ފުލުހުންނާ ހަވާލުކުރީ ކަމަށާއި އާޒިމް ހައްޔަރުކުރުމަށް ސިފައިންގެ އެހީތެރިކަމަށް ފުލުހުން އެދިފައިނުވާނެ ކަމަށެވެ.
ސިފައިން އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށްވާ ނަމަ އެ މައްސަލަ ޖެހޭނީ ވަކި މައްސަލައެއްގެ ގޮތުގައި ބަލަން ކަމަށާއި ފުލުހުން އޭނާ ހައްޔަރުކުރީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރާބިއު ވިދާޅުވި އެވެ.
އާޒިމްގެ ވަކީލު ޝާއިރު ވިދާޅުވީ އާޒިމް މަޖިލީހަށް ވަދެވަޑައިގަންނަވަން އުޅުނީ ގޮނޑި ނުގެއްލޭކަމަށް މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން ނިންމާފައިވާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި ގޯތިތެރެއަކީ މަޖިލީހުގެ ރައީސް ބަލަހައްޓާ ތަނެއް ކަމަށާއި މަޖިލީހުގެ ގޯތިތެރެއަށް ވަދެ ސިފައިން އާޒިމް "ހައްޔަރުކުރީ" މަޖިލީހުގެ ރައީސްގެ ހުއްދަ ހޯދުމެއް ނެތި ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ކަމަށް ވެސް ޝާއިރު ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލު ރާބިއު ވިދާޅުވީ އާޒިމް ހައްޔަރުކުރީ މާރާމާރީގެ މައްސަލައެއްގައި ކަމަށާއި ކަންހިނގާފައިވާ ގޮތަށް ބަލާއިރު އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކުރީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަންތިބި ސިފައިންގެ މީހުންނަށް ހަމަލާދީގެން ކަމަށާއި މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ބުނީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.