ރާއްޖޭގެ ސަރަހައްދުން ބައެއް އެހެން ގައުމަކަށް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއްބަސްވެފައިވާ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދުގެ ޖަލްސާއަށް ޖަވާބުދާރީ ވުމަށް އާޒިމާ ތައްޔާރުކުރެއްވި ބަޔާނުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ސަރަހައްދުން ބައެއް ގައުމަކަށް ދޫކޮށްލުމަށް އެއްބަސްވެފައިވިޔަސް، އެ އެއްބަސްވުން ހަދާފައި ވަނީ ކޮން ގައުމަކާއެކު ކަމެއް އެކަމަނާ ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އެއްބަސްވުމުގެ މައްސަލަ މަޖިލީހުގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީއަށް ހުށަހަޅުއްވާފައިވާ ކަމަށް އާޒިމާ ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު ވެރިކަމަށް ގެނައުމާ ދެކޮޅަށް މަސައްކަތްޕުޅު ކުރައްވާ ކަމަށް ވިދާޅުވެ، އާޒިމާގެ މައްޗަށް ކުރާ ތުހުމަތަށް އެކަމަނާގެ ބަޔާނުގައި ރައްދުދެއްވާފައިވެ އެވެ. އާޒިމާ ވިދާޅުވެފައި ވަނީ ނަޝީދު ވެރިކަމަށް ގެނައުމަކީ ގައުމަށް ލިބޭނެ ގެއްލުމެއް ކަމުގައި ހެޔޮ ހިތުން ގަބޫލުފުޅު ކުރައްވާ ކަމަށާއި ނަޝީދުގެ ވެރިކަމެއް ގާއިމުވެއްޖެނަމަ ގައުމުގެ ސިޔާދަތާއި މިނިވަން ކަމަށް ބުރޫއަރާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ގެއްލުވާނެ. ދައުލަތުގެ އޮނިގަނޑު އަނެއްކާވެސް ބަލިކަށިވާނެ އަޅުގަނޑު މިހެން މިދަންނަވަނީ އަޅުގަނޑަށް މިކަމުގެ މައުލޫމާތު އެނގިހުރެ. އެހެނަސް އަޅުގަނޑު ގަނޫނުން ބޭރުން އެއްވެސް ކަމެއްކޮށްފައި ނުހުންނާނެ. އަދި ސިޔާސީ ހަރަކާތެއްގައި ބައިވެރިވެފައި ނުހުންނާނެ. އަޅުގަނޑުގެ ދައުރުގައި އެމަނިކުފާނާ ދޭތެރޭ ކަންކޮށްފައި ވާނި އިންސާފުން. ގާނޫނާ އެއްގޮތަށް،" އާޒިމާގެ ބަޔާނުގައިވެ އެވެ.

ނަޝީދު ވެރިކަމަށް ވަޑައިގެންފިނަމަ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ނަޝީދު ގެއްލުވާލާނެ ކަމަށް ވިދާޅުވަނީ ކަންކަމުގެ މައުލޫމާތު އެނގިހުރެ ކަމަށް ވިދާޅުވެ، އާޒިމާގެ ބަޔާނުގައި ބައެއް މިސާލުތައް ފާހަގަ ކުރައްވާފައިވެ އެވެ.

ރާއްޖޭގެ ސަރަހައްދުން ބައެއް ބޭރުގެ ގައުމަށް ދިނުމަށް އެއްބަސްވިއިރު، ބޭރު ގައުމަކާއެކު ރާއްޖެއިން ހެދި އެއްބަސްވުމެއްގައި އެ ގައުމަށް ގެއްލުންވާނެ ގޮތަކަށް ރާއްޖޭގެ އެތެރޭގައި ވެސް އަދި ބޭރުގައި ވެސް ރާއްޖެއިން ކަމެއް ނުކުރުމަށް އެމްޑީޕީގެ ވެރިކަމުގައި އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށެވެ. އަދި ޔަހޫދީންގެ ހަޟާރަތުތައް ދިވެހި ސްކޫލްތަކުގައި ކިޔަވައިދިނުމަށް އެއްބަސްވުން ހަދާފައި ވަނީ ވެސް ނަޝީދުގެ ސަރުކާރުގައި ކަމަށް އާޒިމާގެ ބަޔާނުގައިވެ އެވެ.

މަޖިލީހުގެ މެންބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމް ކުރުމަށް ތާވަލްކުރުމުން ބޭރުގެ ސަރުކާރެއްގެ މަންދޫބަކު، އެމަނާއާ ބައްދަލުކޮށް، އެ ހުކުމް ނުކުރުމަށް އުންތަމަ ފަނޑިޔާރަށް ދެންނެވުމަށް އެދުނު ކަމަށާއި އެއީ ގާނޫނު އަސާސީގެ ދަށުން ބަންޑާރަ ނައިބަށް ކުރެވިދާނެ ކަމެއް ކަމުގައި ވެސް ވިދާޅުވެފައިވާ ކަމަށެވެ.

އެފަދަ މީހަކު ވެރިކަމަށް އައުމަށް ހުރަސް އެޅުމުން މިއަދު ވަޒީފާއިން ވަކިކުރާނަމަ، އެއީ ގައުމަށްޓަކައިވީ ގުރުބާއީއެއް ކަމަށް އާޒިމާ ވިދާޅުވެފައިވެ އެވެ.

"ވުމާއެކު އަޅުގަނޑު މިއަދު ވަޒީފާއިން ވަކިކުރަނީ މިފަދަ މީހަކު ވެރިކަމަށް އައުމަށް ހުރަސް އެޅީމާ ކަމުގައި ބަޔަކު ގަބޫލު ކުރާތީ ބަދަލު ހިފުމުގެ ގޮތުން ކަމުގައިވާނަމަ، އަދި މިއަދު އަޅުގަނޑު ވަޒީފާ ގެއްލިއްޖެނަމަ، އަދި ވަޒީފާ ގެއްލުނީ، އެކަމުގެ ސަބަބުން ކަމުގައިވާނަމަ، ނުވަތަ އެފަދަ ބަޔަކާ [މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު] މަނިކުފާނުހެން ނުގުޅުނީމާކަމުގައިވާނަމަ އަޅުގަނޑު ދެކެނީ އެއީ އަޅުގަނޑު މި ގައުމަށްޓަކައި ވީ ގުރުބާނީއެއް ކަމުގައި. އަޅުގަނޑު ވަޒީފާއެއް ދޫކޮށްފައި ދާނީ ފަރުވެރިކަމާއެކު. އިސް އުފުލައިގެން ހުރެ. ގައުމީ ދީނުގެ ހައްގުގައި ގުރުބާން ވެވޭ މީހަކަށްވުމަކީ ފަހުރެއް،" އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް އާޒިމާ ތައްޔާރު ކުރެއްވި ބަޔާނުގައިވެ އެވެ.